ނަފްސާނީ އެހީ ބޭނުންވާ ނަމަ ލަސްނުކޮށް 1677 އަށް ގުޅާ: ހެލްތު

ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ނަމަ، ލަސްނުކޮށް ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަމްބަރު 1677 އަށް ގުޅައި އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން އެދެފި އެވެ.
ވީ ކިހިނެއް؟ - ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އުޅެމުންދިޔަ 18 އަހަރުގެ އަންހެން ދަރިވަރަކު މިދިޔަ ހޯމަ ދުވަހުގެ ރޭ އަމިއްލައަށް މަރުވުމުގެ ކުރިން، ފުލުހުންގެ ވިކްޓިމް ސަޕޯޓަށް މެސެޖުކޮށް، މާޔޫސްވެ ގޮތް ހުސްވެފައިވާކަން އަންގާފައިވެ އެވެ. އެހެންވެ، އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، ފުލުހުންނަށް އާއްމުންގެ ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ތަފްސީލު - ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ނަފްސާނީ އެކި ކަންކަމަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ހިދުމަތް ހޯދުމަށް 1677 އަށް ގުޅުމުން އެހީތެރިކަން ލިބޭނެ އެވެ. އެހެންވެ، އެ ހިދުމަތް ހޯދުން ލަސްނުކުރުމަށް އެދިފައި ވެ އެވެ.
މިނިސްޓްރީން ބުނީ ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ މީހުންނާއި ގުޅުން ހުރި މުއައްސަސާތަކާ އެކުގައި މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އެ ބަޔާނުގައި މިނިސްޓްރީން ވަނީ ވަނީ، ނަފްސާނީގޮތުން ބަލިކަށިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ވެސް ކިޔައިދީފަ އެވެ. އެއީ:
އާއިލާތަކާއި ރައްޓެހިން އަދި މުޖުތަމައު ގުޅިގެން އެކަކު އަނެކަކުގެ ހާލު ބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުން
އަނެކާގެ ވާހަކަ ކަނުލާ އެހުން ނުވަތަ އޯގާތެރިވުން. އެއީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ބުނެފައިވޭ
ބަޔާނުގައި މިނިސްޓްރީން ވަނީ، ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކާއި މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް އިިތުރު ހިތްދަތިކަމެއް ލިބޭނެ ވާހަކަތަކެއް ކަން ފާހަގަކޮށް، އެ ފަދަ ހިތްދަތި ވާހަކަތަކާއި މަންޒަރުތައް ނުފެތުރުމަށް ވެސް ގޮވާލާފަ އެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި މި ފަދަ ނާޒުކު ވަގުތުކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން އާއްމުންނާއި މީޑިއާތަކުން ދުރުހެލިވާން ޖެހެ އެވެ.
"އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖްތައް އިސްކުރައްވާ،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
"ގައުމެއްގެ ހައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ޝާމިލްވާ ޒިންމާއެކެވެ. ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން ކުރިއަށް ނެރުއްވާށެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ