ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް

ދިިވެހިރާއްޖޭގެ ކަނޑުމަހާއި، ކަނޑުމަހުން އުފައްދާ ބާވަތްތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންޑޮންގް ގެ ބެލުމުގެ ދަށުން، އެ ޕްރޮވިންސްގެ އިސްއެހެނިހެން ފަރާތްތައް ހިމެނޭ ވަފުދަކާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އަދި މި ބައްދަލުވުމުގައި، ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެކްސްޕޯޓް އިތުރު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއާން ޕްރޮވިންސަށް ބޭރު ކުރުމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރި ކަމާއި އަދި އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރިކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، ސިޗުއާންގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ