ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ، ޚިދުމަތްތައް ރަނގަޅުކުރަން މަސައްކަތްކުރަން: މިނިސްޓްރީ

މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ހިތާމަވެރި މަރުގެ ހާދިސާތަކެއް ހިނގާފައިވާ މި ދަނޑިވަޅުގައި އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި، ވަނީ މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާއި ޚިލާފު، ކަށަވަރުނުވާ ދޮގު މަޢުލޫމާތާއި އެހެން މީހުންނަށް އަސަރު ކުރުވާފަދަ ހިތްދަތި މަންޒަރުތައް އެކުލެވޭ ފޮޓޯތަކާއި ވީޑިއޯތައައް ފަދަ ތަކެތި ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާތަކަށް ގޮވާލާފައިއެވެ. "އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ މެދު ނުހަނު ބޮޑަށް ކަންބޮޑުވަން. މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ބަޔާނުގައި ވެއެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެކެވެ. މީސްމީޑިއާގައި ފަތުރާ ޙަޤީޤަތެއް ނެތް ވާހަކަތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރާނެ ކަންކަމެވެ. އެހެންކަމުން، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. "ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭ. މީސްމީޑިއާގައި އަޅުގަނޑުމެން ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ހަމައެއާއެކު ޤައުމެއްގެ ޙައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ޝާމިލުވާ ޒިންމާއެއްކަން ފާހަގަކޮށް، އާއިލާތަކާއި ރައްޓެހިން ގުޅިގެން އެކަކު އަނެކެއްގެ ހާލު ބެލުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. "އާއިލާތިކާއި، ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް ބާރުއަޅަން. އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްޕްލައިންގެ ނަންބަރު 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް އެ ޚިދުމަތުގެ ބޭނުން ހިފުމަށް ވުޒާރާއިން ވަނީ ބާރުއަޅާފައެވެ. https://sun.mv/220938 މިނިސްޓްރީން މިހާރު ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންނެވެ. އަދި މުޖުތަމަޢަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފައެވެ. ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިފަދަ އިލްތިމާސްކޮށްފައިވާއިރު، ދާދި ފަހުން ވަނީ ވަނީ މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. އަދި އެ ހާދިސާތަކުގެ ވީޑިއޯއާއި ފޮޓޯތައް އެކި ފަރާތްތަކުން ގެންދަނީ އަދި ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިފަދަ ކަންކަން ނުކުރުމަށް މީގެ ކުރިން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ