ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް އިންތިޒާމް ކުރާ، ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ކެމްޕޭން ލީޑަރުން އުފެއްދުމުގެ މަހާސިންތާގެ ދައުވަތަށް، ރައީސް މައުމޫން ޖަވާބެއް ނުދެއްވުމުން އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް ނައިބު ރައީސް އަހުމަދު އަދީބު ހަމަޖައްސަވައިފި އެވެ.
ޕީޕީއެމްގެ ހއ އާއި މ. އަތޮޅުގެ ގޮފިތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެގެން މާދަމާ ގިޔާސުއްދީންގައި ފަށާ އެ މަހާސިންތާގެ ދައުވަތު މައުމޫންއަށް ފޮނުއްވީ ވެސް ނައިބު ރައީސް އަދީބެވެ.
އެހެން ނަމަވެސް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން މިރޭ ވިދާޅުވީ އެ ދައުވަތު މައުމޫން ގަބޫލު ނުކުރެއްވިކަން މިހާރު އެނގިފައިވާ ކަމަށާއި އެކަމުން މައުމޫންގެ ތާއީދެއް ރައީސް ޔާމީންއަށް ނެތްކަން މިކަމުން ހާމަކޮށްދޭ ކަމަށެވެ. އެހެންވެ، އެ މަހާސިންތާ ފައްޓަވައި ދެއްވާނީ ނައިބު ރައީސް އަދީބު ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. މީގެ އިތުރުން މެންބަރުން ވަނީ މިހާރުގެ ހާލަތު މި އޮތް ގޮތުގެ ސަބަބުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީ އަކަށް ދާން ޖެހިދާނެ ކަމަށް ބުނެ ވެސް އަޑުއުފުލައިފަ އެވެ. އެހެން ނަމަވެސް، ބައެއް މެންބަރުން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ރައީސްކަމުގައި ހުންނަވަނީ ޕާޓީގެ ބޭފުޅެއް ކަމުގައިވާ ނަމަ ޕްރައިމަރީއެއް ނެތި ޓިކެޓް ލިބޭނެ ކަމަށެވެ.
އެ މަހާސިންތާއާ ޕީޕީއެމްއާ ގުޅުމެއް ނެތްކަމަށް ބުނުމުން ޕާޓީގެ ތެރޭގައި ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފަ އެވެ.
މައުމޫން ވަޑައިނުގަންނަވާތީ މަހާސިންތާ ފައްޓަވައި ދެއްވާނީ ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ