ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ސަލާމަތްކުރުމަށް މޯދީގެ ކޯލެއް އީރާންގެ ރައީސަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒޭޝްކިއަން ފޯނުން ގުޅުއްވައި، މެދުއިރުމަތީގައި އުފެދިފައިވާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، ހަނގުރާމައިގެ ސަބަބުން ބަންދުވެފައިވާ ހޮރްމޫޒް ކަނޑުއޮޅިން އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަނދަރަކުން އިންޑިއާއަށް ދަތުރުކުރި ތައިލެންޑްގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް އިއްޔެ ވަނީ އެ ކަނޑުއޮޅިން ހަމަލާއެއް ދީފައެވެ. https://www.sun.mv/219044 ބޮޑުވަޒީރު މޯދީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާތީއާއި، އާންމުންގެ ފުރާނައާއި އުމްރާނީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތަކާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ހަކަތައާއި މުދާ އެއްވެސް ހުރަހަކާ ނުލައި ފޯރުކޮށްދިނުމަކީ އިންޑިއާގެ އެންމެ އިސް ސިޔާސަތު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފާއިތުވި މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޮރްމޫޒް ކަނޑުއޮޅި ވަނީ އަމަލީގޮތުން ބަންދުވެފައެވެ. މީގެ ސަބަބުން، ސާފުނުކުރާ ތެލާއި، ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަދި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ބަރުކޮށްގެން އިންޑިއާއަށް ދަތުރުކުރަމުންދިޔަ 20 އަށްވުރެ ގިނަ ޓޭންކަރު ވަނީ ތާށިވެފައެވެ. މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބުލޫންބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ތެރޭގައި އެލްޕީޖީ އުފުލާ 10 ބޯޓާއި ސާފުނުކުރާ ތެޔޮ އުފުލާ ފަސް ބޯޓު ހިމެނެއެވެ. އިންޑިއާއަކީ ހަކަތައިގެ ގޮތުން މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އެ ގައުމަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބައި، އެލްއެންޖީގެ ތިންބައިކުޅަ ދެބައި، އަދި އެލްޕީޖީގެ ގާތްގަނޑަކަށް ސައްތައިން ސައްތަ ގެންނަނީ މެދުއިރުމަތިންނެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ދަނީ އީރާނާއެކު މެދުކެނޑުމެއްނެތި މަޝްވަރާކުރަމުންނެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ފަހަކަށް އައިސް އެތައް ފަހަރަކު ފޯނުން ގުޅުއްވައި، ބޯޓުފަހަރުގެ ސަލާމަތާއި އިންޑިއާގެ ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މި ހަމަނުޖެހުންތައް އިންޑިއާގެ ކަނޑުގެ ސަރަހައްދާ ހަމައަށްވެސް ވަނީ ފޯރާފައެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ސަބްމެރިންއަކުން ވަނީ ސްރީލަންކާ ކައިރިން އީރާނުގެ މަނަވަރަކަށް ޓޯޕީޑޯ ހަމަލާއެއްދީ ފައްތާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ، އިންޑިއާގެ ދައުވަތަކަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ތަމްރީނުތަކެއްގައި ބައިވެރިވުމަށްފަހު އެ މަނަވަރު އެނބުރި ދަތުރުކުރަމުން ދަނިކޮށެވެ. މިކަމުގެ ސަބަބުން، ވަކި ފަރާތަކަށް ނުޖެހި އޮތުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ