ހަށިގަނޑަށް ކެލްސިއަމް ބޭނުންވަނީ ކީއްވެ.؟އަދި ކެލްސިއަމް މަދުވެއްޖެ ނަމަ ދެންވާނީ ކިހިނެއް.؟

ކެލްސިއަމަކީ އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނައިން އެކުލެވޭ މައުދަނެވެ. މީގެ ބޮޑުބައެއް ހުންނަނީ ކަށިތަކާއި ދަތްތަކުގައި ކަމަށްވީ ނަމަވެސް، ލޭގެ ތެރޭގައާއި ސެލްތަކުން ބޭރުގައި ހުންނަ ދިޔާ މާއްދާތަކުގައި ވެސް ކެލްސިއަމް އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިކް މަސައްކަތްތައް ތަރުތީބުކޮށް ހަމަހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ހަށިގަނޑަށް ކެލްސިއަމް ބޭނުންވަނީ ކީއްވެގެންތޯ އާއި، އެކަށީގެންވާ މިންވަރަށް ކެލްސިއަމް ހޯދުމަށް ސަމާލުކަން ދޭންވީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ. އެންމެ މުހިންމު ސަބަބަކީ، މުޅި އުމުރު ދުވަހު އަހަރެމެންގެ ކަށިތަކާއި ދަތްތައް ވަރުގަދަކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެނީ ކެލްސިއަމް ކަމަށްވާތީއެވެ. ކެލްސިއަމް ލިބޭ މިންވަރު މަދުވެއްޖެނަމަ، ކަށިތަށް ބަލިކަށިވެ ބިނދައިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ކެލްސިއަމް ބޭނުންކުރުމަށް ލަފާދޭ މިންވަރު 
ކެލްސިއަމަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތަކަކަށް ބޭނުންވާ މާއްދާއަކަށްވާތީ، ކޮންމެ ދުވަހެއްގެ ކެއުމުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް ހިމެނޭ ބާވަތެއް ބޭނުން ކުރުން މުހިންމެވެ. އުމުރުން 50 އަހަރުން މަތީގެ މީހުން ދުވާލަކު 1,200 މިލިގްރާމްގެ ކެލްސިއަމް ބޭނުންކުރުމަށް ވަނީ ލަފާދީފައެވެ. އަދި 50 އަހަރުން ދަށުގެ މީހުންނަށް ލަފާދެނީ ދުވާލަކު 1,000 މިލިގްރާމްގެ ކެލްސިއަމް ބޭނުންކުރުމަށެވެ.
ނަމަވެސް، ކެލްސިއަމް ބޭނުންކުރުމުގައި ހަށިގަނޑަށް ތަހައްމަލު ކުރެވޭނެ އެންމެ މަތީ މިންވަރެއް ވެސް އޮވެއެވެ. އެއީ ދުވާލަކު 2,500 މިލިގްރާމަށްވުރެ އިތުރަށް ކެލްސިއަމް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ކެލްސިއަމް މާ ގިނަވުމުގެ ސަބަބުން ’ހައިޕަކަލްސީމިއާ‘ (hypercalcemia) ފަދަ ސިއްހީ މައްސަލަތައް ދިމާވެދާނެތީއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަޑު ކަށިތަކުގައި ނުވަތަ ޓިޝޫތަކުގައި، ހާއްސަކޮށް ގުރުދާ (ކިޑްނީ) ގައި ކެލްސިއަމް ގަނޑުވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ. މީގެ އިތުރުން، މާ ގިނައިން ކެލްސިއަމް ބޭނުންކުރުމަކީ ބަނޑުހަރުވުމަށް ވެސް މެދުވެރިވާ ކަމެކެވެ.
ތިރީގައިވާ ތާވަލަކީ އުމުރުގެ އެކި މަރުހަލާތަކުގައި ކެލްސިއަމް ބޭނުންކުރަންވީ މިންވަރު ދައްކައިދޭ ތާވަލެކެވެ:
1 އަހަރާއި 18 އަހަރާއި ދެމެދު ފިރިހެނުން އަދި އަންހެނުން 260-200 މިލިގްރާމް ކެލްސިއަމް ބޭނުންކުރުން.
9 އަހަރާއި 18 އަހަރާއި ދެމެދު ފިރިހެނުން އަދި އަންހެނުން 1300 މިލިގްރާމް ކެލްސިއަމް ބޭނުންކުރުން.
19 އަހަރާއި 50 އަހަރާއި ދެމެދު އަންހެނުން އަދި ފިރިހެނުން 1000 މިލިގްރާމް ކެލްސިއަމް ބޭނުންކުރުން.
50 އަހަރުން މަތީގެ އަންހެނުން އަދި ފިރިހެނުން 1200 މިލިގްރާމް ކެލްސިއަމް ބޭނުންކުރުން.
ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށް ބާރުއަޅަނީ ކޮން ކަންތައްތަކެއް؟
ބޮޑެތި މީހުންގެ ހަށިގަނޑަށް ކެލްސިއަމް ދަމައިގަންނަނީ އެވްރެޖްކޮށް އެންމެ %30 ކަމަށްވާތީ، ހަށިގަނޑަށް ކެލްސިއަމް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށް އެހީތެރިވެދޭ ބައެއް ބާވަތްތަކާއި ނިއުޓްރިއެންޓްތަކުގެ ތެރޭގައި ވިޓަމިން ޑީ، ލެކްޓޯސް، ޕްރޮޓީން، ހަކުރު އަދި ޒައިލިޓޯލް (xylitol) ހިމެނެއެވެ.
ކެލްސިއަމް މަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލްސިއަމް ނުލިބުމަކީ، އޭގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ހަށިގަނޑަށް ފޯރާނެ ކަމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކެލްސިއަމް މަދުވެފައި ހުރުމަކީ ”އޮސްޓިއޯޕޮރޯސިސް“ (Osteoporosis) ނުވަތަ ކަށި ފީވުމުގެ ބައްޔަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުން ކަށިތައް ބަލިކަށިވެ، ކަށީގައި ރެނދުލުމާއި ބިނދައިގެން ދިޔުމުގެ ފުރުސަތު އިތުރުވެއެވެ.
ލޭގައި ކެލްސިއަމް ހުންނަންޖެހޭ މިންވަރަށްވުރެ ދަށްވުމުން (Hypocalcemia)، ”ޓެޓަނީ“ (Tetany) ކިޔާ ސިއްހީ ހާލަތެއް މެދުވެރިވެދާނެއެވެ. މީގެ ސަބަބުން އަތްފައިގެ މަސްތަށް ދުޅަވުމާއި، މަސްތައް ތުރުތުރުއެޅުން ނުވަތަ ފިޓުޖެހުން ފަދަ އުނދަގޫތައް ދިމާވެއެވެ. މީގެ އިތުރުން، ދުވާލަކު ބޭނުންކުރާ ކެލްސިއަމްގެ މިންވަރު 500 މިލިގްރާމަށްވުރެ މަދުނަމަ، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ