ޓްރޫ ކޯލާގެ އާ ފީޗާއެއް، އާއިލާ މެންބަރުންނަށް އަންނަ ސްކޭމް ކޯލްތައް އެހެން މީހަކަށް ކަނޑާލެވޭނެ
ގުޅާ މީހާ ދެނެގަނެވޭ މަޝްހޫރު ޕްލެޓްފޯމް 'ޓްރޫ ކޯލާ'އިން، އާއިލާގެ މެންބަރުންނަށް އަންނަ ސްކޭމް ކޯލުތައް އެހެން މީހަކަށް ކަނޑާލެވޭނެ އައު ފީޗާއެއް ތައާރަފުކޮށްފިއެވެ. މި ފީޗާގެ ދަށުން އާއިލާގެ އެއް މެންބަރަކު އެޑްމިނެއްގެ ގޮތުގައި ހުރެ، އެހެން މެންބަރުންނަށް އަންނަ ފްރޯޑް ނުވަތަ ސްކޭމް ކޯލުތަކުގެ އެލާޓް ހޯދައި، އެއީ ނުރައްކާތެރި ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، އެ ކޯލެއް ރިމޯޓްކޮށް ކަނޑާލެވޭނެއެވެ. ޖުމުލަ 450 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޓްރޫކޯލާއިން މި ފީޗާ އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހު ސްވިޑަން، ޗިލީ، މެލޭޝިއާ އަދި ކެންޔާގައެވެ. މި ޓެސްޓުތަކުން ރަނގަޅު ނަތީޖާއެއް ފެނުމާ އެކު، އެ ކުންފުނީގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އިންޑިއާ ހިމެނޭގޮތަށް މިހާރު މި ފީޗާ ވަނީ މުޅި ދުނިޔެއަށް ދޫކޮށްލާފައެވެ. އެންމެ ގިނަވެގެން ފަސް މެންބަރުންގެ ގްރޫޕެއް ހެދޭ މި ފީޗާއަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބޭނުންކުރެވޭނެ ފީޗާއެކެވެ. https://sun.mv/190763 މި ފީޗާ މެދުވެރިކޮށް އެޑްމިންއަށް އެޕަލް (އައިއޯއެސް) އަދި އެންޑްރޮއިޑް ފޯނުތަކަށް އަންނަ ސްކޭމް ކޯލުތަކުގެ އެލާޓް ލިބުނު ނަމަވެސް، ކޯލް ކަނޑާލެވެނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކުންނެވެ. މީގެ އިތުރުން، އެންޑްރޮއިޑް ޔޫޒަރުންނަށް، އެ މީހުން ހިނގާބިނގާވެ އުޅޭތޯ ނުވަތަ ދުއްވާ އެއްޗެއްގައި އުޅޭތޯއާއި، ފޯނުގެ ބެޓެރީ ހުރި މިންވަރު އަދި ފޯނު އޮތީ ސައިލެންޓްގައިތޯ ވެސް އެޑްމިންއަށް ބެލޭނެގޮތަށް ހުއްދަ ދެވޭނެއެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް ގުޅަން އެންމެ ރަނގަޅު ވަގުތު ދެނެގަތުމަށާއި އެ މީހުންގެ ހާލަތު ބެލުމަށް އެހީވެދޭނެ ކަމެއްކަމަށް ޓްރޫކޯލާއިން ބުނެއެވެ. އަދި، ގްރޫޕަށް ވަކި ނަންބަރުތަކެއް ނުވަތަ ވަކި ގައުމެއްގެ ކޯޑުތަކެއް ބްލޮކްކުރުމުގެ ބާރު ވެސް އެޑްމިންއަށް ލިބިގެންވެއެވެ. ނަމަވެސް، ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން، އާންމު ކޯލް ހިސްޓްރީއާއި އެސްއެމްއެސްތައް އެޑްމިންއަކަށް ނުފެންނާނެއެވެ. ޓްރޫކޯލާގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ކުނާލް ދުއާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ކޮންމެ މީހެއްގެ އާއިލާގައި ނުވަތަ ރައްޓެހިންގެ ތެރޭގައި ވެސް ސްކޭމްގެ ޝިކާރައަކަށްވެފައިވާ މީހަކު ހުންނާނެއެވެ. އެހެންކަމުން މިއީ ޓްރޫ ކޯލާއިން ހައްލުކުރަން އަމާޒު ހިފާފައިވާ މައިގަނޑު އެއް މައްސަލައެވެ. މިކަން އިތުރަށް ހަރުދަނާކުރުމަށް ކުންފުނިން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ކޯލުތައް ސްކްރީންކޮށް، ސްކޭމްކުރަން އާންމުކޮށް ބޭނުންކުރާ ބަސްތައް ބޭނުންކުރާނަމަ އޮޓޯއިން ކޯލު ކަނޑާލެވޭނެ ނިޒާމެއް ވެސް ތަރައްގީކުރަމުންނެވެ. ޓްރޫކޯލާއިން މިފަދަ އައު ފީޗާތަކެއް ތައާރަފުކުރަމުން އަންނައިރު، އެ ކުންފުންޏަށް ވަނީ މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 80 އިންސައްތަ ވެއްޓިފައެވެ. އަދި، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުތައް ދައްކާގޮތުން އެ ކުންފުނީގެ އޮޕަރޭޓިން ފައިދާ ވަނީ 49 އިންސައްތަ ދަށަށް ގޮސް، އިޝްތިހާރުތަކުން ލިބޭ އާމްދަނީ 31 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން, ޓްރޫކޯލާގެ އެންމެ ބޮޑު މާކެޓްކަމަށްވާ އިންޑިއާއިން ތައާރަފުކުރާ އައު ކޯލާ އައިޑީ ސިސްޓަމް (ސީއެންއޭޕީ)ގެ ސަބަބުން ވެސް އެ ކުންފުންޏަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ނަމަވެސް, ޓްރޫ ކޯލާގެ ސީއީއޯ ރިޝިތު ޖުންޖުންވާލާ ވިދާޅުވީ ޓްރޫކޯލާއިން ފޯރުކޮށްދޭ މައުލޫމާތާއި ރައްކާތެރިކަމުގެ ފީޗާތައް މާ ފުރިހަމަވާނެ ކަމަށާއި ކުންފުނީގެ އަމާޒަކީ ޔޫޒަރުންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެ ގޮތުން، ހަމައެކަނި މިދިޔަ އަހަރު ވެސް އިންޑިއާގައި 7.7 ބިލިއަން ފްރޯޑް ކޯލު އެ ކުންފުނިން ދެނެގަނެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ