ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން 10 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއި ހަތިޔާރު އަތުލައިގަނެފި
ސްރީލަންކާގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްބޯޓަކުން 10 ބިލިއަން ސްރީލަންކާ ރުޕީސް (500 މިލިއަން ރުފިޔާ)އަށް ވުރެ އަގުބޮޑު މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ހަތިޔާރު އެ ގައުމުގެ ކަނޑުގެ ސިފައިން އަތުލައިގަނެފިއެވެ. ސްރީލަންކާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމްލަ 654 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތު) އާއި 176 ކިލޯގެ ހެރޮއިނެވެ. މި ތަކެތި ފެނިފައިވަނީ ބޯޓު ފާސްކުރިއިރު ފެނުނު 48 ޕެކޭޖެއްގެ ތެރެއިންނެވެ. މަސްތުވާތަކެތީގެ އިތުރުން، މި ބޯޓުން ގިނަ އަދަދެއްގެ ހަތިޔާރު ވެސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަށް ފިސްތޯލައާއި، ދެ ޓީ-56 މަރުކާގެ ރައިފަލް އަދި އެމް-16 މަރުކާގެ ބަޑިއެއް ހިމެނެއެވެ. މިއީ ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ ހަތިޔާރު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހަފުތާގެ ކުރީކޮޅު އަތުލައިގަތް މި ބޯޓު، ބުރާސްފަތި ދުވަހު ވަނީ ޑިކޯވިޓާ މަސް ބަނދަރަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާއިން އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް އަދި ހަތިޔާރުގެ ނެޓްވޯކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ