އެެމެރިކާގެ ހަރުކަށި މީހުންނާއި މެދުމިނުމުގެ މީހުން އީރާނުގެ މައްސަލާގައި ޒުވާބުކޮށް އަރާރުންވަނީ

ވޮޝިންޓަން (13 މާޗް 2026) : އެމެރިކާ އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލްނުވެ ހަނގުރާމައިގެ ޚަރަދުތައް ބޮޑުވުމުގެ އިތުރުން ތެލުގެ އަގުބޮޑުވެ އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެމެރިކާގެ މަސްއޫލުވެރިންގެ މެދުގައި ވައިޓް ހައުސްގައި ބޮޑު ޒުވާބެއް ހިނގަމުންދާ ކަމަށް ރޮއިޓާސް ބުނެފިއެވެ. ވައިޓް ހައުސްގެ ވަރަށް އެތެރޭގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ޓްރަމްޕް ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވަނީ ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ޔަހޫދީ ހަރުކަށި ފިކުރުގެ މަސްއޫލުވެރިންނާއި މެދުމިނުގެ މަސްއޫލުވެރިންގެ މެދުގައި ހުއްޓުމެއްނެތި ހިނާ ޒުވާބުތަކުގެ ސަބަބުންނެވެ. ރޮއިޓާސް ކަށަވަރުކޮށްދޭ ގޮތުގައި ޓްރަމްޕްގެ އިނާ ސާކްލްގައި ހިމެނޭ މެދުމިނުގެ ޚިޔާލުގެ މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ ސުޒީ ވައިލްޒް އާއި ޖޭމްސް ބްލެއާ ގެ ޓީމާއި ޔަހޫދީ ހަރުކަށި ފިކުރުގެ ޓޮމްކޮޓޯން އާއި މާކް ލިވިން އަދި ޓްރަމްޕްގެ ވަރަށް އަރިސް ސެނެޓަރެއްކަމަށްވާ ލެންޑްސީ ގްރަހަމް ގެ ޓީމާ ދެމެދު ހަނގުރާމައިގެ މައްސަލާގައި ވަރަށް ގިނައިން ޒުވާބު ހިނގައެވެ. ޓްރަމްޕް ހުންނަވަނީ މިދެޓީމުގެ ދެމެދުގައި ތާށިވެ ގޮތެއްނިންމަން ދަތިވެފައެވެ. މެދުމިނުގެ ޓީމުގެ ބޭފުޅުން ދެކޭގޮތުގައި ޓްރަމްޕާއި ނަތަންޔާހޫގެ މިހަނގުރާމައަކީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލެވޭނެ ހަނގުރާމައެއް ނޫނެވެ. އީރާނަކީ ޓްރަމްޕް އެދޭގޮތަށް އެމެރިކާއަށް އަމާންދޭނެ ގައުމެއްވެސް ނޫނެވެ. ވައިޓް ހައުސްގެ އެތެރޭގައި ބޮޑެތި ޒުވާބުތައް ދަނީ ހިނގަމުން އަނެއްކޮޅުން ރަޝިއާއާއި ޗައިނާވެސް ކޮންމެވެސް ހިސާބެއްގައި އީރާނުގެ ފަހަތުގައި އެބައޮތެވެ. ޖާސޫސީ މައުލޫމާތު ހިއްސާ ކުރުމާއި އަސްކަރީ ސިއްރުތައް ދިނުމުގެ ގޮތުންނެވެ. އެހެންކަމުން ހަމައެކަނި އީރާނަށް ބޮންއަޅައިގެން ހަނގުރާމައިގެ މަގްސަދު ހާސިލް ވުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ. ގަލްފާއި އުރުދުން އަދި އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައްވަނީ އީރާންގެ ރައްދު ހަމަލާތަކުގައި ހަލާކުކޮށްލާފައެވެ. މިއީ ފާއިތުވި 30 އަހަރު ތެރޭގައި އެމެރިކާ ކޮށްފައިވާ 30 ވަރަކަށް ބިލިޔަން ޑޮލަރުގެ އަސްކަރީ އިންވެސްޓްމަންޓެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ކިތަންމެ ގެއްލުންތަކެއް ލިބުނަސް އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އީރާން ވަނީ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް ގަލްފުން ތެޔޮ ބޭރުކުރުން ގާތްގަނޑަކަށް ހުއްޓުވާފައެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގުވަނީ 60 ޑޮލަރުން 110 ޑޮލަރަށް މައްޗަށް ގޮސްފައެވެ. އަނެއްކޮޅުން އެމެރިކާގެ ބޭސްތައް ހުރި ގަލްފުގެ ގައުމުތަކަށް ކެނޑިނޭޅި އީރާން ދެމުންގެންދާ ރައްދު ހަމަލާތަކުގެ ސަބަބުން ގަލްފުގައިވާ އެމެރިކާގެ އެތަށް ހާސް ކުންފުންޏެއްގެ މަސައްކަތްތަކާއި ވިޔަފާރި ވަނީ ހުއްޓިފައެވެ. ކުންފުނިތަކުގެ މީހުންވަނީ އެމެރިކާ އަށް ނުދެވި ގަލްފުގެ ގައުމުތަކުގައި ތާށިވެފައެވެ. އީރާނުގެ ރައްދު ހަމަލާތައް އެމެރިކާގެ ކުންފުނިތަކުގެ އޮފީސްތަކާއި އެމެރިކާ މީހުން ދިރުއުޅޭ ފްލެޓްތަކަށްވެސް އަމާޒުވަމުންދާއިރު ގަލްފުގެ އެއްވެސް ގައުމެއްގައި އަމާންކަމެއް ރައްކާތެރިކަމެއް ނެތެވެ. ހަނގުރާމައަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2 ބިލިޔަން ޑޮލަރު އެމެރިކާގެ ބަޖެޓުން ޚަރަދުކުރަން ޖެހެއެވެ. އީރާނުގެ ވެރިކަން ވައްޓާލެވޭނެ ކަމުގެ އުންމީދު މުޅިން ގެއްލިފައިވާއިރު މިހާލަތުގައި އެމެރިކާ ބަނގުރޫޓްނުވެ ކިހާ މުއްދަތަކަށް ހަނގުރާމަ ދަންމާލެވިދާނެތޯ ސުވާލު އުފައްދައި މެދުމިނުގެ ޚިޔާލުގެ މީހުންވަނީ ވައިޓް ހައުސްގެ ތެރޭގައި ހަރުކަށި މީހުންނާ ޒުވާބު ކޮށްފައެވެ. ހަރުކަށި މީހުން ދެކޭގޮތުގައި މިހާލަތުގައި އެމެރިކާ ހަނގުރާމަ ހުއްޓާލައިފިނަމަ އެއީ އީރާންގެ ކުރިމަތީގައި އެމެރިކާ ސްޓްރެޓީޖިކް ގޮތުން ބަލި ވުމެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ޑޮމިނޭޝަން އާއި ހަންފެތުރުން މުޅި ސަރަހައްދުން ގެއްލުމުގެ އިތުރުން އެމެރިކާގެ އަސްކަރީ ހައިބަތު ވެސް ގެއްލިގެންދާނެއެވެ. އެހެންކަމުން ހަނގުރާމަ ކުރިޔަށް ގެންދިޔުން ނޫންގޮތެއް ނެތެވެ. ހަރުކަށި މީހުން ދެކޭގޮތުގައި ބޮންއަޅައިގެން އީރާނަށް ދެވޭ ގެއްލުންތަކަކީ އެމެރިކާއަށް ލިބޭ އަގުބޮޑު އިންވެސްޓްމަންޓެކެވެ. އެކަމުގެ ސަބަބުން އީރާން ބަލިކަށިވެގެންދިޔުމަކީ އެމެރިކާއަށް ލިބޭ ކުޑަ ކާމިޔާބެއް ނޫންކަމަށް ހަރުކަށި ޓީމުން ދެކެއެވެ. ނަމަވެސް އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާނުލެވިއްޖެނަމަ ހަނގުރާމައަށްފަހު ކުރިޔަށްވުރެ މާވަރުގަދަ ބާރެއްގެ ގޮތުގައި އީރާން ނުކުންނާނެކަމާއި އީރާނުގެ ރައްޔިތުންނާއި ލީޑަޝިޕް އަކީ ހައްވަރުގަދަ ޖެހިލުންކުޑަ ބައެއްކަމަށްވާތީ އެމެރިކާއަށް ގޮންޖަހައި އަސްކަރީ ޑޮކްޓްރިން ބަދަލުކޮށް އީރާނުން ނިއުކްލިޔާ ބާރެއްގެ ގޮތުގައި ނުކުންނާނެކަމުގެ ކަންބޮޑުވުން މިދެ ޓީމުންވެސް ފާޅުކުރިއެވެ. އީރާނުގެ ކުރީގެ މުސްކުޅި ލީޑަޝިލްގެ ޖީލު ޝަހީދުކޮށްލުމުން އީރާނުގައި މިހާރު ވެރިކަން ކުރަން ފަށާފައިވަނީ އިސްލާމީ އިންގިލާބުގެ މުޅިން ޒުވާން ޖީލަކުންނެވެ. މި ޖީލު އެމެރިކާއަށް މާނުރައްކާތެރިވާނެކަމަށް ވެއެވެ. ރޮއިޓާސް ބުނާގޮތުން އީރާނާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް އެމެރިކާއާއި އިސްރާއީލުވަނީ އީރާނުގެ ވެރިކަން ފަސޭހައިން ބަދަލުކޮށްލޭވެނެ ކަމުގެ ހުވަފެން ދެކިގެންނެވެ. ބޮންއަޅައި އީރާނުގެ އިސް ލީޑަރޝިޕް ޝަހީދުކޮށްލުމުން ރައްޔިތުން މަގުތަކަށް ނުކުމެ އެމެރިކާގެ ޕަޕެޓަކު ވެރިކަމުގައި ބަހައްޓަން މަގު ފަހިކޮށްދޭނެ ކަމުގެ ޚިޔާލީ ފޮލާ ކައްކައިގެންނެވެ. ނަމަވެސް ހަނގުރާމައާއެކު އީރާނުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެމެރިކާއާއި އިސްރާއީލުގެ ރޭވުމަކީ ބިލާހެއްކަމެވެ. ރައްޔިތުން އީރާނުގެ ވެރިކަމުގެ ނިޒާމަށް ކުރިޔަށްވުރެ ބޮޑަށް ތާއީދުކޮށް ދެފަރާތް ގުޅި މުޅި އީރާން އެމެރިކާއާ ޔަހޫދީ ބާރުތަކާ ދެކޮޅަށް އެއްބައިވި ތަނެވެ. މިއީ އީރާނުގެ މުޖްތަމައު ގެ އެއްވެސް ހަގީގަތެއް އެމެރިކާއަށް ނޭންގުންކަމަށް އެމެރިކާގެ މަސްއޫލުވެރިންވެސް މިހާރު އެއްބަސްވާކަމަށް ވެއެވެ. ވައިޓް ހައުސްގެ މަސްދަރާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އެމެރިކާއަށްވަނީ ގޮތް ހުސްވެފައެވެ. ހަނގުރާމަ ހުއްޓާލެވޭކަށް ނެތެވެ. އަދި މަގްސަދު ހާސިލްވާނެކަމުގެ އުންމީދު ނެތުމުން ހަނގުރާމަ ކުރިޔަށް ގެންދެވޭކަށްވެސް ނެތެވެ. ދެން އޮތް ގޮތަކީ ކޮންމެވެސް ހުއްޖަތެއް ދައްކާފައި ހަނގުރާމައިން ބޯދަމައި ގަނެވޭނެ ދޮރެއް ހޯދުމެވެ. ނަމަވެސް ޓްރަމްޕްވަނީ އެޕްސްޓިން ފައިލްގައި ކުޑަކުދިން ރޭޕްކުރުމުގައި ރޭޕިސްޓެއްގެ ގޮތުގައި އުޅުނުކަންހާމަވެފައެވެ. މިކަމުގެ ވީޑިއޯ އާއި ހެކިތައް އިސްރާއީލުގެ ޖާސޫސީ އިދާރާގައި ހުރިކަމަށްވެއެވެ. ނަތަންޔާހޫގެ ބަހަށް ހެއްލެން ޓްރަމްޕަށް މަޖުބޫރުވަނީ މިކަމުގެ ސަބަބުންކަމާއި ޓްރަމްޕްވަނީ ހުރިހާ ކޮޅަކުންވެސް ބެދިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ