ފެނަކައާއި އާރުޑީސީގައި އުޅޭ މުވައްޒަފުން ވޯޓްލާން އެހެން ރަށަކަށް ރަޖިސްޓްރީ ކުރަން ދަނީ މަޖުބޫރު ކުރަމުން: އެމްޑީޕީ
ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުން, ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް އެހެން ރަށްރަށަށް ރީ ރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރުވަމުން އަންނަ ކަމަށް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު އަބްދުﷲ ވަހީދު މިއަދު ތުހުމަތުކުރައްވައިފިއެވެ. ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލީ، މިދިޔަ އަންގާރަ ދުވަހެވެ. ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން، އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރުމުގެ ފުރުސަތު އީސީން ފުރުސަތު ދިނީ، އަންނަ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ. https://x.com/waddxy/status/2022241550584164639 އެ އިންތިޚާބަށް މިހާރު ކެމްޕެއިން ފަށާފައިވާއިރު، ވަހީދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ފެނަކައާއި އާރުޑީސީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތް ކުރާ ރަށް ނޫން ރަށްރަށަށް ރީ ރަޖިސްޓްރީ ކުރުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެ ގޮތަށް މަޖުބޫރު ކުރަނީ، އެ މުވައްޒަފުންގެ ވޯޓު ޔަގީން ކުރުމަށް ކަމަށެވެ. އޭގެއިތުރަށް، ސަރުކާރުން އިންތިހާއަށް އިންތިޚާބަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ވަހީދު އެފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ޓިކެޓުގައި ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ތިނަދޫ ސިޓީގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ތިން މުވައްޒަފަކު އެހެން ރަށްރަށަށް ބަދަލުކޮށްފި ކަމަށް އެ ޕާޓީން އިއްޔެ ވަނީ ތުހުމަތުކޮށްފައެވެ. https://sun.mv/217880 އޭގެކުރިން، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، ޢަބްދުލްކަރީމް ޢަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމައިފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ. އިންތިޚާބު އޮތީ އަންނަ އޭޕްރީލް މަހު ކަމަށްވާއިރު، ހުރިހާ ޕާޓީތަކުން އަންނަނީ އިންތިޚާބަށް ބޮޑެތި ކެމްޕެއިންތަކެއް ކުރަމުންނެވެ. އިއްޔެ ވަނީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނަގައި، ނަންތައް ވެސް ތަރުތީބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ