މޫސުން ގޯސްވެ، އުތުރު ޗައިނާއިން 21 މީހަކު މަރުވެއްޖެ

ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޝީއާން ސިޓީގެ ކައިރިއަށް ކުރަމުން އަންނަ ބޯ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް މަދުވެގެން 21 މީހަކު މަރުވެ، އިތުރު ހަ މީހަކު ގެއްލިފައިވާ ކަމަށް ސަރަަހައްދީ ވުޒާރާތަކުން އިއްޔެ ބުނެފި އެވެ.
ފަރުބަދައެއް ކައިރީ އޮންނަ އަވަށަށް ކުރިމަތިވި މި ގުދުރަތީ ކާރިސާ ހިނގާފައި ވަނީ ހުކުރު ދުވަހު އެވެ. ޝީއާން ސިޓީގެ އިމަޖެންސީ މެނޭޖްމަންޓް ބިއުރޯއިން މައުލޫމާތު ދިން ގޮތުގައި މި ކާރިސާއާ ގުޅިގެން 900 ގެޔަކުން ކަރަންޓު ކެނޑި، މަގުތަކަށާއި ބްރިޖުތަކާއި އަދި މުވާސަލާތީ ތަންތަނަށް ވަނީ  ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.
ފާއިތުވެ ދިޔަ މަދު ހަފްތާތަކެއް ތެރޭގައި ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ބޯކޮށް ވިއްސާރަ ވެހި ފެންބޮޑުވަމުން އަންނަ އިރު، އަނެއް ބައި ސަރަހައްދުތަކުގެ ހޫނުމިން ވަނީ އިންތިހާ މައްޗަށް ގޮސްފަ އެވެ. އެކި ސަރަހައްދުތަކުން މިހާ ބޮޑެތި ތަފާތުތަކެއް ފެންނަމުން މިދަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށް މާހިރުން ވިދާޅުވެ އެވެ.
ޝީއާންގެ ވެއިޒްޕިންގް އަވަށުގައި ހިނގި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ކާރިސާއާ ގުޅިގެން ގާތްގަނޑަކަށް 1،000 އިމަޖެންސީ މަސައްކަތްތެރިން އެ އަވަށަށް ފޮނުވާފައިވާ ކަމަށާއި އެ އަވަށުން 186 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާ ކަމަށް އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ރޭޔާ ހަމައަށް ވެސް މިމަސައްކަތްތައް ކުރިއަށް ގޮސްފައިވާ ކަމަށާއި ދެގެޔަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ އަވަށުން މީޑިއާއާ ވާހަކަދެއްކި ރެސްޓޯރަންޓު ހިންގާ މީހަކު ކިޔާދިންގޮތުގައި ފަރުބަދަ މަތިން ކިސަޑު ފައިބާ ދެ އިމާރާތެއް ސުންނާފަތިކޮށްލީ ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ.
"ދެ ގެޔެއް ނެތިދިޔަ އަދި އެ ގޭގެ މީހުން ވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި،" އޭނާ ކަވާ ނިއުސް އަށް މައުލޫމާތު ދީފައިވެ އެވެ.
މި ކާރިސީ ހިނގި އަވަށް އޮންނަނީ ޗިންލިންގް ފަރުބަދަތައް ކައިރީ އޮންނަ ރީތި ކޯރަކާ ޖެހިގެން ނެވެ. އެހެންކަމުން މި އަވަށުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ގިނަ ރެސްޓޮރަންޓުތަކެއް ހުންނަކަމަށް ޝިންވާ ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.  
ވެއިޒްޕިންގް އަވަށުގެ ކާރިސާ ހިނގާފައި މިވަނީ ޗައިނާގެ އިރު އިތުރަށް ބޮޑު ތޫފާނެއް އަރާ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވިތާ މަހެއް ވެސް ނުވަނީހެވެ. ވެރިރަށް ބެއިޖިންގްގެ ހެއިބެއި ޕްރޮވިންސުގައި ފެންބޮޑުވުމާ ގުޅިގެން މަދުވެގެން 29 މީހަކު މަރުވެފައިވެ އެވެ. ސަރުކާރުގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި ތޫފާނާ ގުޅިގެން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން މަޖުބޫރުވި އެވެ.
ގާތްގަނޑަކަށް ދެލައްކައެއްހާ ގެދޮރަށް ގެއްލުންވި އެ ހާދިސާގެ ގެއްލުން 13 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ޗައިނާގެ އިދާރާތަކުން ވަނީ މިދިޔަ ހަފްތާގައި އަންދާޒާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ