މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ ކުލި ނުވަތަ އެނޫންވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް 20،000 ހައުސިން ޔުނިޓު ހަދައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން، ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި 18-35 ހަރަކާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހައުސިން މަޝްރޫއުތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އެ ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތަކުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެ ހުރިހާ ފައިސާއެއް މައާފުކޮށްދޭނަމޭ. އަދި އޭގެ އިތުރަށް އަޅުގަނޑުމެން ދަންވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާ ވާހަކަ. އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް މި ދެންނެވި އުސޫލުން ފައިސާ ނުނަގާ ގޮތަށް. އެއީ އެކަމަށް ގާބިލު، އެންމެ އެކަށީގެންވާ، ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ފަހިކޮށްދޭނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ހައުސިން ޔުނިޓުތައް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުވަތަ މަގާމަކަށް ނުބަލާނެ ކަމަށާއި ހައުސިން ޔުނިޓުތައް ދޫކުރަނީ އެންމެ ބޮޑަށް ޝަރުތު ހަމަވާ މީހުންނަށް ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި ރާއްޖެއިން ބޭރަށް ބޭސް ފަރުވާކުރަންދާ މީހާގެ ޓިކެޓާއި، އެހީތެރިޔާގެ ހަރަދާއި، ރާއްޖެއިން ބޭރުން ތިބުމުގެ ހަރަދު އަދި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގެއަށް ބޭނުންވާ ހަރަދުތައް ދައުލަތުގެ އެހީގައި ފޯރުކޮށްދޭނެ ކަަމަށެވެ. އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ މިންވަރު މަދުކުރުމަށް ވެރިކަމުގެ ދެވަނަ ނުވަތަ ތިންވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތިން ހިސާބެއްގައި ސިއްހީ ހިދުމަތް ތަރައްގީ ކުރައްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ކޮންމެ ޒުވާނަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ޒުވާނުންނަކީ ހުނަރުގެ ގޮތުން ގާބިލު ބައެއް ކަމަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ، ވަޒީފާއަކަށްދާ އިރު، އެ ކުއްޖެއްގެ ސްކިލް ހުރި ގޮތަކުން، އެ ކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެ ކުއްޖާކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެންނަމަވެސް ދަންނަވަން މި އުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ސަރުކާރަށް ކުލި ދައްކާކަށް ނުޖެހޭނެ، 20،000 ހައުސިން ޔުނިޓު ހަދައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ