ވިޕާ ހިލާފުވި މެންބަރުންނަށް ރައީސް: ތިއީ އެއްވެސް ފަހަރަކު ކޮށްގެންވާނެ ކަމެއް ނޫން!
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ މެންބަރުން ކުރެއްވީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ. ޕީއެންސީގެ 10 މެންބަރުން އެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. https://www.sun.mv/203031 ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމާ އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު، އެއްވެސް ފަހަރަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ގަސްތުގައި ބިލަށް ވޯޓުނުދިން މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވެސް ވަނީ ވިދާޅުވެފައެވެ. 'ސަން'އާ ވާހަކަދެއްކި މެންބަރަކު ވިދާޅުވީ، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ބައެއް މެންބަރުން މި ވަގުތު މާލޭގައި ނޫޅުއްވާ ކަމަށެވެ. އެކަމަކު، ބައެއް މެންބަރުން ވޯޓުގައި ޖަލްސާއަށް ވަޑައިގެން ވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. https://www.sun.mv/203023 ސަރުކާރުގެ ހިންގާ ޕީއެންސީން، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހެޅީ އެ މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތެވެ. އެކަމަކު، އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ރޭ ވަނީ އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް މިއަދު ވަނީ އެ ބިލު ބަލައިގެންފައެވެ. ކޮމިޓީ ވެސް ވަނީ މިއަދަށް އެޖެންޑާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ