ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިއުލާނު ކުރައްވާފައި ވެސް ވެއެވެ.
ރައީސް މުއިއްޒު ދާލު އަތޮޅުގައި
މި ދައުރުގެ ތެރޭގައި، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަސައްްކަތްތައް ކުރިއަށް ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭ ކަމަށް ވިދާޅުވި އެވެ. އަދި މުޅި އަތޮޅުގެ އާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ.
މީގެ އިތުރުން ލަސްވެގެން ޖުލައި މަހު ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ. މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.
ރައީސް ދާލު އަތޮޅުގައި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢެއް، ފެބްރުއަރީ މަހާއި މާރިޗު މަހު، އަލުން ފައްޓަވާނޭކަމަށް ވިދާޅުވާ ވިދާޅުވުން، ތަކުރާރުކުރައްވާފައެވެ.
ގެދޮރުވެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް އިޢުލާންކުރައްވާފައިވާ ހައުސިން ޔުނިޓު މަޝްރޫޢުގައި ހިމަނުއްވައިގެން، އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އަޅަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަން އިއުލާންކުރައްވައި، އެގޮތަށް ހައުސިން ޔުނިޓް މަޝްރޫއުތައް މުރާޖައާ ކުރުމަށް ރަށު ކައުންސިލްތަކަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މާލޭ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، 4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، މި ހަފުތާ ތެރޭ އިޢުލާންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ މި ސަރުކާރުން ހަވާލުވެ، އެ މަސައްކަތުގެ ދުވެލި އަވަސްކުރައްވާނޭ ކަމަށާއި އުތުރު ތިލަފަޅުންވެސް، ގެދޮރުވެރިކަމަށް ޚާއްޞަކޮށް، 125 ހެކްޓަރ ހިއްކަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބުރާސްފަތި ދުވަހު، ފްލެޓް ލިސްޓު އިޢުލާންކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަމަޟާން މަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ދާލު ދަތުރު ނިންމަވާލައްވައިފި، ރޯދައިގެ ފަހުން އަލުން ދަތުރުތައް ފައްޓަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ