ޖަވާބުދާރީ ވުމުގެ ބަދަލުގައި އިހުސާނު ދެއްކެވީ ޣައިރު ގާނޫނީ ވާހަކަތަކެއް، އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ގެންދިޔައިރު، އޭނާއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ދައްކާފައި ވަނީ ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށް ބުނެ އިހުސާނުގެ އިސްތިއުފާއަށް އެމްޑީޕީން އަނެއްކާ ވެސް ގޮވައިލައިފިއެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެއީ ޖަނަވަރީ 17 ވަނަ ދުވަހުއެވެ. https://sun.mv/201498 އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ޑީއެންއާރުގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރާފައި ވާކަމަށް އިހުސާނު މިއަދު އެއްބަސްވެ ވަޑައިގެންފައި ވާކަމަށެވެ. ސިޔާސީ ޕާޓީއަކަށް ވަންނަން ފޯމު ފުރާއިރު، ހެކިވެރިޔާ ސޮއިކުރަން ޖެހެނީ، އެ ފޯމު ފުރި މީހާގެ ހާޒިރުގައި ކަމަށް ވާއިރު، އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ގެނައި ފޯމުތަކުގައި ހެކިވެރިން ސޮއިކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު އިއުތިރާފު ވެވަޑައިގެންފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ. "އިހުސާނު އިސްވެހުންނަވައި ފުރި އެތައް ސަތޭކަ ފޯމެއްގައި ދޮގު ހެކި ދީފައިވާއިރު، އެއީ ޖިނާއީ ކުށެއް ކަމަށް ފެނިވަޑައި ނުގަންނަވާ ވަޒީރަކު ރާއްޖޭގެ ދާޚިލީީ ކަންކަމާއި ތަހުގީގީ އިދާރާތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ހުންނެވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް،" އެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން މިއަދުގެ މަޖިލީހުގައި އިހުސާނު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފޮޓޯއެއް ދައްކަވައިފައެވެ. އަދި އެ ފޯޓޯއިން ފެންނަނީ ޑީއެންއާރުގެ ޑޭޓާ ބޭސް ޕްރިންޓުކޮށްފައިވާ މަންޒަރުކަމަށް އިހުސާނު ވަނީ ތުހުމަތު ކުރައްވާފައެވެ. https://x.com/mdpsecretariat/status/1894404450040909853?s=52 މި ތުހުމަތުތަކާ ގުޅިގެން އެ ބަޔަނުގައި ވަނީ، އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށް ތައްޔާރުކުރި ލިސްޓެއް ކަމަށެވެ. އަދި އެ ޕާޓީއަކީ އަބަަދު ވެސް ޕާޓީ މެންބަރުންގެ މައުލޫމާތު ފުރިހަމައަށް ބަލަހައްޓާ ޕާޓީއަކަށް ވާތީ ފޮޓޯޖެހި އެތައް ލިސްޓެއް ޕާޓީގެ އިންތިޚާބުތަކުގައި ބޭނުން ކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. "އެއާ ޚިލާފަށް އިހުސާނު ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯމު ފުރާފައި ވަނީ، ސަރުކާރުގެ ވުޒާރާއެއްތެރޭ ހުންނަވައި ރަސްމީ މަސައްކަތު ގަޑީގައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގައި ސޮއި ފޯޖުކޮށްގެން،" އެ ބަޔާނުގައި ވެއެވެ. https://sun.mv/203022 ފަޒްނާ ހާޒިރުވެ ވަޑައިގެން ނެތް ތަނެއްގައި އެފަތަ ތުހުމަތެއް ކުރެއްވީ އިހުސާނު ކުރެއްވި ޖިނާއީ ކުށް ފޮރުވުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. އިހުސާނު މިއަދު މަޖިލީހުގައި ދައްކަވާފައި ވަނީ ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވައިލައިފައެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ގިނަ އަދަދެއްގެ ވަގު ފޯމު ފުރިކަމަށް މި ފަހުން ވަނީ ތުހުމަތުކޮށްފައެވެ. ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ. ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ. ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ. ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ