ނައިވާދޫ ބަލިކޮށް ކާށިދޫން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި ނައިވާދޫ ބަލިކޮށް ކާށިދޫން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި، ހދ. ނައިވާދޫ އަތުން 4-1 އިން މޮޅުވެ، ކ. ކާށިދޫން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި އެވެ.
ކާށިދޫން މި ފަހަރުގެ ކ. އަތޮޅު ފައިނަލާއި ޒޯން ތިނެއްގެ ފައިނަލުން ބަލިވި ނަމަވެސް މުބާރާތުގެ ފައިނަލުން ވަނީ މޮޅުވެފަ އެވެ. ކާށިދޫ އަކީ ގޯލްޑަން ފުޓްސަަލް ޗެލެންޖުގެ ނުވަ މުބާރާތުގެ ތެރޭގައި ވެސް އަތޮޅު ފައިނަލާއި ޒޯން ފައިނަލަކުން ބަލިވެ، ތަށި ހޯދި ފުރަތަމަ ޓީމެވެ.
އަނެއްކޮޅުން، ކާށިދޫ އަކީ މި މުބާރާތް ކާމިޔާބުކުރި ތަފާތު ހަތް ވަނަ ޓީމެވެ. މީގެ ކުރިން، ތ. ތިމަރަފުށިން ތިން ފަހަރު މި ތަށި ހޯދިއިރު، މާފަންނު، ހެންވޭރު، ބ. ހިތާދޫ، ބ. އޭދަފުށި އަދި ލ. ގަމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. އަދި އަރިހުގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.
މެޗުގައި ލީޑުނެގީ، ކާށިދޫންނެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ، ކިކްއިންއެއްގައި ލިބުނު ފުރުސަތެއްގައި އަޖުލާން އަބްދުލް ހަންނާން އެވެ. ނައިވާދޫން އެއްވަރުކުރީ، ހިލޭ ޖެހުމެއްގައި ޔާމިން މުހައްމަދު (ޔާންޓެ) ދިން ބޯޅައަކުން އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ގޯލުންނެވެ.
އެކަމަކު، ފުރަތަމަ ހާފުގައި، ކާށިދޫން އަނެއްކާ ލީޑުނެގީ ހިލޭ ޖެހުމެއްގައި ލިބުނު ބޯޅައަކުން، އަބްދުﷲ ސުޒޭރު ޖެހި ގޯލުންނެވެ. އަދި ސުޒޭރު ކުރި އެޓޭކަކަށް އަރައި، ރަނގަޅު ތަނުގައިހުރެ އަޖުލާން ވަނީ ކާށިދޫ އަށް ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ނައިވާދޫން ކުރިއަށް ޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަަމަކު، ފުލުފުލުގައި ނައިވާދޫން ފޮނުވާލި ބޯޅަތައް ކާށިދޫގެ ގޯލުގައި މުޅި މުބާރާތުގައި މޮޅަށް ކުޅުނު، މުހައްމަދު ސަލީލް ވަނީ މަތަކޮށްފަ އެވެ.
ލަނޑެއް ޖެހޭތޯ ނައިވާދޫން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކާށިދޫގެ ފަހު ގޯލު ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ސުޒޭރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ