މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ދިވެހި ސާފް ލީގަށް އާ އިވެންޓެއް އިތުރުކޮށް "ކެރަންޑޫ" ގެ ނަމުގައި ލ. މާބައިދޫގައި ބާއްވަން ނިންމައިފި އެވެ.
ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގައްދޫގައި ބާއްވަން މިއަހަރު ކުރި މަސައްކަތް އެ ރަށު ކައުންސިލްގެ މާލީ ހާލަތު ހުރި ގޮތުން ނުވުމާއެކު އެމްއެސްއޭ އިން ވަނީ އެ އިވެންޓް ކެންސަލް ކޮށްފަ އެވެ.
ލ. މާބައިދޫ ކައުންސިލާއެކު ކެރަންޑޫ އިވެންޓް އެ ރަށުގައި ކުރިއަށް ގެންދިޔުމަށް އެމްއެސްއޭ އިން މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ ލ. އަތޮޅުގައި ދިވެހި ސާފް ލީގުގެ ބޮޑު އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މާބައިދޫ "މެޗިން" ރާޅު ޕޮއިންޓަކީ ސާފަރުންގެ މެދުގައި މަޝްހޫރު ރާޅު ޕޮއިންޓެކެވެ. އަދި މި ޕޮއިންޓަކީ އަވަސް ރާޅުތަކެއް ހުންނަ, ރާޅު ޕޮއިންޓެއް ކަމަށް އެމްއެސްއޭ އިން ބުނެ އެވެ.
އެމްއެސްއޭ އިން މާބައިދޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ރަށުގައި ކެރަންޑޫ އިވެންޓް ބޭއްވުމުގެ އިތުރަށް ހުނަރުވެރި ސާފަރުން ހޯދުމުގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އެ ރަށުގައި ބޭއްވިގެންދާނެ އެވެ.
ކެރަންޑޫގެ އިތުރުން މި އަހަރު ދިވެހި ސާފް ލީގުގައި ދެން ކުރިއަށްދާނެ އިވެންޓްތަކަކީ މ. މުލީގައި ޖުލައި މަހު ބާއްވާ މުލިކޮޅު އަދި މާލޭގައި ބާއްވާ ރަންނަމާރި އެވެންޓެވެ. އޭގެ ތެރެއިން ރަންނަ މާރި އިވެންޓް ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވެ އެވެ.
ދިވެހި ސާފް ލީގުގެ އާ މުބާރާތް "ކެރަންޑޫ" ލ. މާބައިދޫ ގައި ދިވެހި ސާފް ލީގުގެ އާ މުބާރާތް "ކެރަންޑޫ" ލ. މާބައިދޫ ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ