ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ފަށައިފި

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ށ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމެވެ. މި ގޮތުން މި ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ށ. އަތޮޅުގައި މި ޚިދުމަތް ފެށުމަކީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެޅުނު އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް އެ އަތޮޅުގެ ރައްޔިތުން މާލެ އަންނަން ޖެހުމަކީ ވަގުތާއި ޚަރަދު ބޮޑު ކަމަކަށް ވެފައިވާތީ، މި ބަދަލާއެކު ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ