އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހު ކޮށްފިއެވެ.
އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން އެމްއެމްއޭ އިން ފެށި 'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް' އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ތަމްވީލް – އެމްއެމްއޭ އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ދެ މަސައްކަތެއް ކުރިއަށް ދާނެއެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ އެމްއެމްއޭއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އަދި އިސްލާމީ ވުޒާރާގެ އެހީތެރިކަން އެމްއެމްއޭއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށެވެ. އެ ގޮތުން މެލޭޝިއާ ފަދަ ގައުމުތަކުގައި މި ނިޒާމު ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި ރާއްޖެއަކީ މުހިންމު ހަބަކަށް ހެދުން" ގަވަރުނަރު ވިދާޅުވިއެވެ.
ތަމްވީލް އިނިޝިއޭޓިވްގައި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފައެވެ. އެމްއެމްއޭއިން ފަސް މިލިއަން ރުފިޔާއާއެކު ފެށި މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއިން ވަނީ މި ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފައެވެ.
އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީ އިން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދެވޭނެއެވެ. ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2 ބޭފުޅެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ އަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެއެވެ.
އެމްއެމްއޭ ތަމްވީލް އިނިޝިއޭޓިވް އިފްތިތާހު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ