ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް މިއަދު ނެގުނު ވޯޓްގައި ބައިވެރިވެފައި ނުވަނީ ޕީއެންސީގެ ދެ މެންބަރަކު ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި މައްސަލަ 64 މެންބަރުންގެ ތާއީދާއެކު މިއަދު މަޖިލީހަށް ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ވޯޓްގައި ޕީއެންސީގެ 11 މެންބަރަކު ބައިވެރިނުވާ ކަމަށް އަޑުފެތުރިފައިވެ އެވެ.
އެކަމާއި ގުޅޭގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. ވިދާޅުވީ އެ 11 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު އުޅުއްވަނީ ރަސްމީ ދަތުރުތަކެއްގައި ކަމަށެވެ. އަދި ވިދާޅުވީ ވޯޓްގައި ބައިވެރިނުވީ ދެން ތިއްބެވި ދެ މެމްބަރުން ކަމަށެވެ. އެ މެންބަރުން ވޯޓުގައި ބައިވެރިނުވި ސަބަބު ޕާޓީން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Advertisement
ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.
ބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.
އަދި އޭރު ތިބި ހުރިހާ ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފަ އެވެ.
ވޯޓްގައި ބައިވެރިނުވީ ދެ މެންބަރެއް، ސަބަބު ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ