ސުޕްރީމްކޯޓު މައްސަލައިގައި ސަރުކާރުގެ އަގު ވެއްޓިއްޖެ، ބާރުތައް އަލުން ހޯދައިދޭނީ އެމްޑީޕީން: ޝާހިދު
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު އިތުރަށް ވެއްޓި، ފަލީހަތްވުން ނޫން ކަމެއް ނުވި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، 2008ވަނަ އަހަރު ތައާރަފުކުރި ގާނޫނު އަސާސީގެ ބޭނުމަކީ އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި ޑިކްޓޭޓާޝިޕަކަށް ފުރުސަތު ނުދިނުމާއި ކޮންމެ ބާރަކީ ވެސް އެބާރަކަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް ހުދޫދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ސަގާފަތެއް ރާއްޖޭގައި ގާއިމްކުރުން ކަމަށެވެ. "އެހެން ނަމަވެސް 2008އިން މިހިސާބަށް އައިއިރު އަޅުގަނޑުމެންނަށް މި ގާނޫނު އަސާސީގެ ދަށުން ތަޖުރިބާތަކެއް ކުރެވުނު. އޭގެތެރޭގައި ވެރިކަން ކުރުމުގެ ބާރުގެ ދަށަށް ދެންއޮތް ދެ ބާރު ގެންދިއުމަށް މަސައްކަތްތަކެއް ކޮށް އެ މަސައްކަތްތައް ކާމިޔާބުކުރެއްވިތަން ފެނިގެންދިޔަ،" ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ އޭނާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް މަޖިލީހުގައި މެމްބަރުކަން ކުރެއްވި ދުވަސްވަރެއްގައި ކުރެވުނު ތަޖުރިބާއެއް ކަމަށެވެ. "އެ ބޭފުޅުންނަށް އޭރު ވިސްނިވަޑައިގަތީ ސުޕްރީމް ކޯޓުގެ އަދަދަށް ބަދަލު ގެންނަވައިގެން ސުޕްރީމް ކޯޓަށް އެބޭފުޅުން ބޭނުންފުޅުވާ ބަޔަކު ގެންނަވައިގެން، ސުޕްރީމް ކޯޓު ކޮންޓްރޯލް ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ބޭނުންކުރައްވައިގެން ގާނޫނު އަސާސީއަށް ބޭނުން ބަދަލެއް ގެންނަވައިގެން ވެރިކަން ހުދުމުޚުތާރު ވެރިކަމަށް ފުރޮޅައިލެވިދާނެ ކަމަށް،" ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ވެސް ފެންނަނީ މި މަންޒަރުކަމަށެވެ. އެހެންނަމަވެސް ވެރިކަމުގެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަން ބަދަލު ނުކުރެވޭނެކަމަށެވެ. "އަޅުގަނޑުމެން މިއަދު އެމްޑީޕީގެ ފަރާތުން ތެދުވެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 12 މެމްބަރުން ވަކާލާތު ކުރީ އަދި އަޅުގަނޑުމެން ގައުމީ މަޖިލީހުގައި ވެސް މި ވަކާލާތު ކުރަނީ، ރައްޔިތުންގެ ކިބައިގައި އޮތް ބާރު މިއަދުގެ ހުދުމުޚުތާރު ސަރުކާރަށް ނިގުޅައިނުގަނެވޭނެއޭ،" ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީން ނުކުމެ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ހޯދައިދޭނެކަމުގެ ޔަގީންކަން ޝާހިދު ވަނީ އަރުވައިފައެވެ. ޕީއެންސީން އަޅާ ފިޔަވަޅެއްގެ ސަބަބުން މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ނަމަ، އެ މެންބަރެއްގެ ގޮނޑި ހޯދުމަށް އެމްޑީޕީން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން މިއަދު ބޭއްވި އެމްޑިޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒު ވަނީ ދެއްވާފައެވެ. ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު މަޖިލީހުގައި ވަނީ ވޯޓު ނަގާފައެވެ. މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނުމަށް އެ ޕާޓީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ޚިލާފުވެފައެވެ. އެއީ: ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު މާލޭގައި ނެތުމުގެ ސަބަބުން މި ވޯޓުގައި އެ ޕާޓީގެ ހަތް މެމްބަރަކަސް ބައިވެރިވެ ވަޑައިނުގަނެވުނެވެ. https://sun.mv/203032 ވިޕާ ޚިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެފައި ވާއިރު، މިއީ އެއްވެސް މެންބަރަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. https://sun.mv/203034 ރައްޔިތުންގެ މަޖިލީހުން މި ބިލު މިއަދު ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައި ވާއިރު އެ ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ