ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުވަން އަމުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައި ބަލަމުން އަންނަ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސެލްވެ، މުޅި މައްސަލަ ހުއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ހަދާ ގޮތަށް ގާނޫނު ބަދަލު ކުރަން މަޖިލީހުން މިއަދު ވަނީ ނިންމާފަ އެވެ. އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ތަފްސީލު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ މެންބަރު ހުށަހެޅި ބިލުގައިވާ ގޮތުން ވަކިކުރާ ދެ ފަނޑިޔާރުންގެ ނަން ކުރިއަށް އޮތް ފަސް ދުވަސް ތެރޭ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
އެ ބިލު މަޖިލީހަށް ވެއްދީ:
މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕިއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮއްވާ؛ ދައުލަތުން މި މައްސަލައިގައި ވަކާލާތު ކުރީ އެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް
އެ މައްސަލަ ބަލަމުން އައީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން؛ މިއަދު ފާސްކުރި ބިލު ގާނޫނަކަށް ވުމާ އެކު، އޭގެ ތެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރާނެ
ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުމުގެ އަމުރަކަށް އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.
އެ ވަގުތީ އަމުރުތަކާ ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 11އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލަ ބައްލަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން މިއަދުގެ އަޑުއެހުން މިހާރު ކެންސަލްކޮށްފައިވާކަން ބައެއް މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވަ އެވެ.
މިއާ އެކު، ފުލް ބެންޗުން ބަލަމުން ދިޔަ މުޅި މި މައްސަލަ ހުއްޓުނީ އެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން މިހާރު އެ ކޯޓުގައި ތިބީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ.
ގުޅުން ހުރި - މިކަން ނިއުޅިގެން ދިޔައިރު، މިދިޔަ އާދިއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް އެ މަނިކުފާނު އައްޔަންކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވާފަ އެވެ.
ރައީސް އެ މަގާމަށް ހަމަޖެއްސެވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި އެކައުންޓިން ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޔަޒުމީދު މުހައްމަދެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓް ވާދަކުރެއްވި ކެންޑިޑޭޓެވެ.
3 ފަނޑިޔާރުން ސަސްޕެންޑްކުރުމުން ގާނޫނުއަސާސީ މައްސަލަ ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ