ޢަލީ އިޙްޞާން ފިރާޤް
ޚައުލަތު ބިންތި ޙަކީމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރަޖަ މަތިވެރި ޞަޙާބީ ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުންނަނަކީވެސް އިސްލާމްވެވަޑައިގެންނެވުމުގައި ކުރި ހޯއްދެވި ވަރަށް މަޝްހޫރު ޞަޙާބީއެއް ކަމުގައިވާ ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހުއެވެ. ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހާ ނިސްބަތްވެވަޑައިގަންނަވަނީ ބަނީސުލައިމުވަންހައަށެވެ. އެކަމަނާއަކީ އިސްލާމްދީނުގެ އެންމެކުރީކޮޅުގައި އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި ބޭކަނބަލެކެވެ.
އެކަމަނާގެ ފިރިކަލުން ޢުޘްމާން ބިން މަޡްޢޫނަކީ، 14 ވަނަ އަށް އިސްލާމްދީން ޤަބޫލު ކުރެއްވި ފަރާތްކަމަށް ސިޔަރު އަޢްލާމުއް ނުބަލާގައި އަލްއިމާމުއް ޛަހަބީ ބަޔާން ކުރައްވައިފައިވެއެވެ. އެކަލޭގެފާނަކީ ވަރަށް ތަޤުވާވެރި، ގިނަގިނައިން އަޅުކަން ކުރައްވާ އުޅުއްވި ބޭކަލެކެވެ. ދެ ހިޖުރައިގެވެރި ބޭކަލެކެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި މާތް މުޖާހިދެކެވެ. {އިމާމު ޛަހަބީ، ސިޔަރު އަޢްލާމުއް ނުބަލާ، ވޮލިޔުމް 3، ޞަފްޙާ 99}
ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހަކީ، މަދީނާގެ މަޝްހޫރު ޤަބުރުސްތާން ކަމުގައިވާ ޖަންނަތުލް ބަޤީޢުގައި އެންމެ ފުރަތަމަ ފަސްދާނުވެޑުވުނު ޞަޙާބީއެވެ. އެކަލޭގެފާނަކީ ކިރުފޮދުގެ ގޮތުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަޚެކެވެ. ހަމައެންމެ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން ޙަފްޞަތުގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅަކީވެސް ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހެވެ. {އިބްނު ސަޢުދު، ތަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 99} މިދެންނެވުނު ގުޅުންތަކުގެ ސަބަބުން ޚައުލަތު ބިންތި ޙަކީމްވެސް ވެވަޑައިގެންފައިވަނީ މާތް ރަސޫލާގެ ނުހަނު އަރިސް، އަދި ގާތްކަން ލިބިވަޑައިގެންފައިވާ ބޭކަނބަލަކަށެވެ.
ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހާއި ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހާގެ ކާވެނިފުޅަށް ދެދަރިކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ ޢަބްދުއްރަޙްމާން ބިން މަޡްޢޫނާއި، ސާޢިބު ބިން މަޡްޢޫންއެވެ. މިދެބޭކަލުންނަކީވެސް ދެ ޞަޙާބީންނެވެ.
ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހާއަކީ ވަރަށް ބުއްދިވެރި، ވިސްނުންފުޅުތޫނު ބޭކަނބަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ދެއްވާ އިރްޝާދުފުޅުތައް އަޑުއައްސަވައެވެ. އެކަމަނާގެ މެދުވެރިވެވަޑައިގެން ދެއްވި އިރްޝާދުފުޅެއްގެ ދަށުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދެބޭކަނބަލަކާ ކައިވެނިފުޅު ބައްލަވައިގެންނެވިއެވެ. އެއީ އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.
ޚަދީޖަތުގެފާނު އަވަހާރަވުމުން ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ކާވެނިފުޅު ނުބައްލަވަނީ ކީއްވެގެންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކާވެނި ކުރައްވާނީ ކޮންބޭކަނބަލަކާތޯއެވެ؟] ޚައުލަތު ދެންނެވިއެވެ. [ކަލޭގެފާނު ބޭނުންފުޅުނަމަ ބިކުރުވެރިއަކާއެވެ. ނުވަތަ ޘައްޔިބަކާއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ބިކުރުވެރިއަކީ ކޮބައިތޯއެވެ؟ އަދި ޘައްޔިބަކީ ކޮބައިތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ.
[ބިކުރުވެރިއަކީ ޢާއިޝާއެވެ. އެއީ ޚަލްޤުތަކުން ކުރެ ކަލޭގެފާނާ އެންމެ ގާތް އެކުވެރިޔާ އަބޫބަކުރުގެފާނުގެ ދަރިކަނބަލުންނެވެ. ޘައްޔިބަކީ ކަލޭގެފާނަށް ވަރަށް ކުރިން އީމާވަންވެވަޑައިގެން އިންނެވި ކިޔަމަތްތެރި ބޭކަނބަލެއްކަމުގައިވާ ސައުދާއެވެ.] ޚައުލާ ހުށައެޅުއްވި މި ދެ ހުށައެޅުއްވުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޤަބޫލުފުޅު ކުރައްވާ ކައިވެނިފުޅުގެ ކަންތައްތަކާ ބެހޭގޮތުން އެދެބޭކަނބަލުންނާ ވާހަކަފުޅު ދެއްކެވުމަށް ފޮނުއްވިއެވެ. {އުސުދުލްޣާބާ، ވޮލިޔުމް 8، ޞަފްޙާ 67}
އެއްފަހަރަކު ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު ޚައުލަތު ހުންނެވީ މޫނުފުޅު މަތީގެ ތާޒާކަން ކެނޑިފައެވެ. ރީތިވެވަޑައިގެން ޒީނަތްތެރިވެވަޑައިގެންނެއްނޫނެވެ. އެހެންކަމުން މާތް ރަސޫލާގެ އަނބިއަނބިކަނބަލުން އެކަމާ ސުވާލުކުރައްވާ އޮޅުންފިލުއްވެވިއެވެ. އޮޅުން ފިލުއްވުމުން އެނގިވަޑައިގެންނެވީ އެކަމަނާގެ ފިރިކަލުން މިހާރު އެއްވެސް ވަރަކަށް އެކަމަނާއާ އަޅާލުމެއް ނުބަހައްޓަވާ ކަމުގައެވެ. އަބަދުވެސް އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރައްވަނީ އަޅުކަން ކުރެއްވުމަށް ކަމުގައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން އެވާހަކަ މާތް ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. މާތް ރަސޫލާ، ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހު ގެންނަވައިފައި ނަޞޭޙަތްފުޅު ދެއްވިއެވެ. އަނބިދަރީންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގެންނެވުމަށް އިރްޝާދު ދެއްވިއެވެ. އޭގެފަހުން ޚައުލަތު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއިރު ހުންނެވީ ވަރަށް ރީއްޗަށް ނަލަހެދިވަޑައިގެން ޒީނަތްތެރިވެވަޑައިގެންނެވެ.
{އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 3، ޞަފްޙާ 302}
ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހު އަވަހާރަވުމުން ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހު އިސްނަންގަވާ އެކަމަނާގެ ނަފްސު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ހިބަ ކުރެއްވިއެވެ. މުއުމިނު އަންހެނަކު އެފަދަ ގޮތަކަށް އޭނާގެ ނަފްސު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ހިބަކޮށްދެއްވައިފިނަމަ އެކަނބަލަކާ ކައިވެނިބެއްލެވުމާއި ނުބެއްލެވުމުގެ އިޚްތިޔާރު އަރަހުށި މާތްﷲ ވަނީ މާތް ރަސޫލާއަށް ދެއްވައިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާގެ ހުށައެޅުވުން ޤަބޫލުފުޅެއް ނުކުރެއްވިއެވެ.
ޚައުލަތު ބިންތި ޙަކީމް ރަޟިޔަﷲ ޢަންހު އަވަހާރަވި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަމަނާ ދުނިޔޭގައި އިންނެވިކަމަށް ދަލީލު ލިބޭ ރިވާޔަތެއް އޮވެއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ރަބީޢަތު ބިން ޢުމައްޔަތު، މުޠުޢާ ކާވެންޏެއް ކުރިއެވެ. އެވާހަކަ ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދަރުބާރަށް ގެންގޮސްދެއްވީ ޚައުލަތެވެ. މުޠުޢާ ކާވެންޏަކީ ޙަރާމް ކާވެނީގެ ވައްތަރެކެވެ.
- ޢަލީ އިޙްޞާން ފިރާޤް
ދަރަޖަ މަތިވެރި ޞަޙާބީންހެ ތެރެއިން ޚައުލަތު ބިންތި ޚަކީމް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ