ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން މައްސަލައެއް އުފައްދައިގެން: އަލީ ހުސައިން
މިއަދު ހެނދުނު ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އުފައްދާފައިވާ މައްސަލައެއްގައި ކަމަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރީ، ސިޔާސީ ޕާޓީތަކުން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކުރުމަށް އެދި އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލަ ބަލަމުންދާއިރު، އިސްލާހަށް އަމަލުނުކުރެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެން އޭނާ އެދިވަޑައިގަތުމުން، މިއަދުގެ 11:00އަށް އަޑުއެހުމެއް ތާވަލުވެސް ކޮށްފައި ވަނިކޮށެވެ. https://sun.mv/203074 އެ އަޑުއެހުން ބޭއްވުމުގެ ކުރިން ޖޭއެސްސީންވަނީ، ފަނޑިޔާރު ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެއީ އެ ބޭފުޅުންގެ ޖިނާއީ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން އަންގައިފައިވުމުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެ ނިންމުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ މުޅި ބެންޗުން ބަލަމުންއައި މައްސަލައާ ގުޅުންހުރި ވަގުތީ އަމުރު ނެރުމުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. https://sun.mv/203068 ޖޭއެސްސީގެ ނިންމުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމަށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ، ފަނޑިޔާރުން ސަސްޕެންޑުކުރިކަން އޭނާއަށް އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި، ފަނޑިޔާރުންގެ މައްސަލައެއް އޭސީސީން ބަލާ ކަމުގެ މައުލޫމާތެއް އެއްވެސް ވަރަކަށް ކުރިން ލިބިފައިނުވާ ކަމަށެވެ. "އެހެންވީމަ ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން، އަދި ހަމަ މިގޮތަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަވޭ ޖޭއެސްސީގެ މެންބަރުންނަށް ވެސް ސަރުކާރުގެ ފަރާތުން ނުފޫޒު ފޯރުވަން މަަސައްކަތްކޮށް، ނުފޫޒު ފޯރުވި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބަޔާންކޮށް އަދި ބައެއް މީހުންނަށް ފިޔަވަޅު އަޅައިފައި ހުރިކަން ވެސް،" އޭނާ ތުހުމަތު ކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ ދައުލަތެއްގެ ސިފައިގައި ގައުމު ހިންގާނަމަ، ފަނޑިޔާރުގެއަށް އޮންނަ އިތުބާރު އޮންނަން ޖެހޭނެ ކަމަށާއި, މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވަކީލުންނާއި ގިނަ ރައްޔިތުންގެ އިތުބާރު ވެސް ލިބިފައިވާ ކަމަށެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: ޖޭއެސްސީން ވަނީ އޭސީސީން ބަލާ ޖިނާއީ މައްސަލައަކާ ގުޅިގެން ތިން ބޭފުޅުން ސަސްޕެންޑުކޮށްފައިވާ ކަމަށް -- "އެހެން އޮއްވައި މި ފަނޑިޔާރުގެ ފުނޑާލައި، ހަމަ ސާފުކޮށް އަޅުގަނޑު ދަންނަވާނީ ފުނޑާލާށޭ ހަގީގަތުގައި އެ މަސައްކަތް ކުރަނީ، އެހެން މި ދަންނަވަން ޖެހެނީ އެހާ ހުތުރުކޮށް އެ ބޭފުޅުން ވެސް އެ އަމަލު ކުރައްވަނީ، އެއީ ނެތް މައްސަލައެއް އުފަން ކުރުވައިގެން ފަނޑިޔާރުން ވަކިކުރަން މަސައްކަތް ކުރާތީވެ އެ ވާހަކަ އަޅުގަނޑުމެން ދަންނަވާލަން މި ޖެހުނީ،" އަލީ ވިދާޅުވިއެވެ. އެއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމީ މިއަދު އޮތް ބައްދަލުވުމެއްގައި ކަމަށް ޖޭއެސްސީން ބުނި ނަމަވެސް، އެ ނިންމުމާ ގުޅޭ އިތުރު ތަފުސީލެއް ދީފައިނުވެއެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލެއް ވެސް ދީފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ