އިގުތިސޯދު އަނދަވަޅަށް ވެއްޓުނީ ބޮޑު ދަރަނި ނަގައި، ނުވާޥަރުން މަޝްރޫއުތައް ހިންގަން އުޅުމުން: ސަލީމް

ގައުމު ހަމަމަގަށް އަޅުވަން މަޝްރޫތައް މަޑުޖައްސާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދު ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކުމުގެ ސަބަބުން ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޑިމޮކްރެސީގެ ނަމުގައި ގައުމަށް ނުކުޅަދާނަ ވާވަރަށް ލޯނުތައް ނަގައިގެން، ނުހިންގޭ ވަރަށް މަޝްރޫއުތައް ހިންގުމުގެ ނަތީޖާގެ ސަބަބުން ކުރިމަތިލާން ޖެހުނު އިގުތިސޯދީ އަނދަވަޅުން އަރައިގަތުމަށް މިއަދު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ."މީހެއްގެ ސިކުނޑިން ވިސްނާއިރު 1 ބިލިއަން ޑޮލަރު 1 އަހަރުން ދައްކާ ގޮތަށް، 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި މީހަކު ކުރާނެތޯ؟ މީ ހެޔޮނުވާނެ ކަމެއްނު ކުރަން. 1 ބިލިއަން ރުފިޔާ ދެއްކީމައި ދައުލަތަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި އެ ދިޔައީ،" ސަލީމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ދެން އޮތް އެއްޗަކުން މުސާރަ ދިނުމަށްފަހު ދެން ދައުލަތަށް ލިބޭނެ އެއްޗެއް ވަރަށް ކުޑަ ވާނެ ކަމަށެވެ. މިހާ ދަތި ހާލުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ލޯނެއް ނުނަންގަވައި ހުރިހާ ކަމެއް ފުރިހަމައަށް މެނޭޖް ކުރައްވަމުން ގެންދަވާތީ އޭނާ ވަނީ އެކަމަށް ތައުރީފު ކުރައްވައި ރައީސަށް ޝުކުރު ވެސް ދަންނަވާފަ އެވެ."ޑރ. މުއިއްޒު މިއަދާ ހަމައަށް އެ ގެންދަވަނީ މިގައުމަށް ލިބޭ އެއްޗަކުން މާ ބޮޑެތި ދަރަނިތަކެއް ނުނަގާ ހިފަހައްޓަމުން. މުސާރަ ދޭކަށް އަޅުގަނޑުމެން ނުޖެހޭ ވިޔަފާރިވެރިއެއް ގާތަށް ގޮއްސާ ލާރިދޭކަށެއް. މުސާރަ ވެސް މަހުން މަހަށް ބަރާބަރަށް ދޭ. މީގެ ކުރީގެ ސަރުކާރުތަކުގަ ބޮޑެތި މުއްސަނދިންގެ އަތުން ފައިސާ ހޯދައިގެން ދީފަހުރިކަން އަޅުގަނޑުމެންނަށް އެނގޭ،" ސަލީމް ވިދާޅުވި އެވެ.ސަލީމް ވިދާޅުވީ ސަރުކާރާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ އިގުތިސޯދު އޮތީ ރަގަޅަށް ނޫންކަން އެނގުނު ނަމަވެސް، ހީކުރިވަރަށް ވުރެ ވެސް ކަންކަން އޮތީ ގޯސްކޮށް ކަމަށެވެ.  "އަޅުގަނޑުމެންނަށް ވެސް އެބަ އޮތޭ ފައިސާ ޗާޕުކޮށްފައި، ބޭރުން ބޭނުން ވަރަކަށް ލޯނު ގެނެސްފައި، މިތާހުރި ހުރިހާ ރައްތައް ނުއަގުގައި ވިއްކާލާފައި ފައިސާ ހޯދޭނެ ގޮތްތައް ނޭންގިގެނެއް ނޫން މިއުޅެނީ. އެކަމަކު އެ ގޮތަށް ހޯދީމަ ނަތީޖާއަކީ ކޮބައިތޯ މިއަދު، މިއަދު މި ނަތީޖާ އަކީ އެގޮތަށް ކަންތައް ކުރުމުގެ ނަތީޖާ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަމުންދާ ކަމަށެވެ. މިކުރާ ދިރާސާތަކުން ބޮޑު އަގުގައި ތަކެތި ގަނެ، މަޝްރޫއުތައް ވެސް ބޮޑު އަގުގައި ދިނުމުގެ ނަތީޖާއަކީ 10 ބިލިއަނުން ކުންފުނިތައް ދަރާފައި އޮތުން ކަމަށެވެ."ހުރިހާ ކުންފުންޏަކަށް ބަލާއިރު ގާތްގަނޑަކަށް ފަސް އަހަރުތެރޭގައި އެ ކުންފުނިތަކުން 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފަ. މި ދެންނެވީ ބާޒާރުގަ ހުންނަ އަގަށްވުރެ ބޮޑު އަގުގަ ތަކެތި ގަނެގެންނާ، ބޮޑު އަގުގަ މަސައްކަތްތައް ދީގެން 10 ބިލިއަނާ ކައިރިއަށް އެބަހުރި އެގޮތަށް،"މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަމުންދާ ކަމަށާއި، އެކަން ކުރަން ވާނީ ދައުލަތަށް ބުރައަކަށް ނުވާނެހެން، ވާވަރުން ކަމަށް ވެސް ވިދާޅުވި އެވެ. ގައުމު ހަމަމަގަށް އަޅުވަން މަޝްރޫތައް މަޑުޖައްސާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.އޭގެ އިތުރުން، އިގުތިސޯދީ އަނދަވަޅުން އަރައިގަތުމަށް ކުރާ މަސައްކަތުގައި މިހިސާބަށް މިއާދެވުނީ ރައީސްގެ ވަރަށް ބުރަ މަސައްކަތާއި، އެމަނިކުފާނުގެ އީގާތެރިކަމުންނާއި ހުލްގު ހެޔޮ ކަމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ