ޤުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް، ޑޮކްޓަރ ވަޙީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިޞްލާޙީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ވުނަކުރެވޭނެ ކަމުގެ ދަލީލު ދައްކަވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ވުނޭރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ހާޒިރުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑޮކްޓަރ ވަޙީދު ވަނީ، ވަކީން ޚާއްޞަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއިއެކު އެ ހީކުރުންތައް ބާޠިލުކުރަންޖެހުނު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި ޑޮކްޓަރ ވަޙީދު ވިދާޅުވީ އަދުގެ ސަމާލުކަން ޚާއްޞަ ވަނީ މުސްތަޤުބަލަށް ކަމުގައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ ވަޙީދު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ކުރިއެރުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ 2040 ގެ ތަޞައްވުރު ޙިއްޞާ ކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢާރަފުކުރެއްވި އިސްތިރާޖެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ތަޞައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ވާދަވެރި އިޤްތިޞާދަކަށް ދިވެހި އިޤްތިޞާދު ބަދަލުކުރެވޭނެކަން ޑޮކްޓަރ ވަހީދު ފާހަގަކުރެއްވިއެވެ.
ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަޤުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ދެމެހެއްޓެނިވި އަރބަން ސެންޓަރުތައް ތަރައްޤީކޮށް، އެކްސްޕޯޓް ސިނާޢަތަށް ޚާއްޞަކޮށްގެން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް، ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 5 އިންސައްތައިގައި ހުންނާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން އަންދާޒާ ކުރައްވާފައިވާކަން ފާހަގަކުރައްވަމުން، ޑޮކްޓަރ ވަޙީދު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަޤީންކަން ވުނޭރުންނަށް ދެއްވާފައެވެ. ދިގުމުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތަޢާރަފުކުރަމުންދާކަން ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.އެގޮތުން، އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިޤްތިޞާދެއް ބިނާކުރުން ކަމުގައިވެސް ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށްވެސް ފޯރަމްގެ ބައިވެރިންނަށް، ޑޮކްޓަރ ވަހީދު ގޮވާލެއްވިއެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އަޒުމު ވަރުގަދަ މި ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ބައިނަލްއަޤްވާމީ ބައިވެރިންނަށް އިލްތިމާސްކުރައްވައި، "އިޚްތިޞާޞެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްޤީވުމަށް ހިތްވަރުދޭ އިޚްތިޞާޞެއް ކަމުގައިވާނަމަ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރަށް،" ކަމުގައި ވިދާޅުވިއެވެ.
ދުނިޔޭގެ ނަންހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ ކެތްތެރިކަމާއެކު އުނދަގޫ ކަންކަން ހައްލުކޮށް ހާލަތާއެއްގޮތަށް މަސައްކަތްކޮށްގެން: ޑރ.ވަޙީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ