ޑރ. މުއިއްޒުއެވެ. ފުދިއްޖެއެވެ، އިސްތިއުފާދޭށެވެ. ޑރ. މުއިއްޒުއެވެ. ފުދިއްޖެއެވެ، އިސްތިއުފާދޭށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވުމަކީ ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ހިންގަން ލިބޭ ކުޑަސިޓީއެއް ނޫނެވެ. މަގާމުގެ ހުވާގައި އޮންނަ ފަދައިން ރައީސުލްޖުމްހޫރިއްޔާގެ އެންމެ ފުރަތަމަ ވާޖިބަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ. ދެން އޮންނަ ވާޖިބަކީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމާއި ހިޔާނާތްތެރިނުވުމެވެ.
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވި ފަހުން ގާނޫނުއަސާސީއާ ހިލާފުވެއްޖެ ހެއްޔެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގެންފި ހެއްޔެވެ. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފި ހެއްޔެވެ. ހިޔާނާތްތެރިވެއްޖެ ހެއްޔެވެ.
މިއިން އެއްވެސް ކަމެއް ކޮށްފައިވާނަމަ ގާނޫނު އަސާސީއިން ރައްޔިތުންނަށް ދޭ ހައްލަކީ ރައްޔިތުންގެ ވަކީލުން މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމެވެ. ޝަމްސުއްދީން ރަދުން ގާނޫނުއަސާސީއާ ހިލާފުވުމުން މަގާމުން އަޒުލުކުރި ފަދައިންނެވެ. އަދި ބޮޑުވަޒީރު އިބްރާހިމް އަލިދީދީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ގޮވާ އަޑު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ގަދަވުމުން ބޮޑުވަޒީރު އިބްރާހިމް އަލި ދީދީ 1957 ގައި އިސްތިއުފާ ދެއްވިއެވެ.
މި ދެ ހައްލުވެސް ޑރ. މުއިއްޒުއަށް އެބައޮތެވެ. އެއް ހައްލަކީ މަޖިލީހުގެ މެންބަރުންގެ އަތުގައި އޮތް ހައްލެކެވެ. އަނެއް ހައްލަކީ ޑރ. މުއިއްޒުގެ އިހުތިޔާރުގައި އޮތް ހައްލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަ ކޮންމެ މީހަކަށް ހީވާ އެންމެ ބޮޑު ކުށްހީއަކީ ތިމަންނާ ބޭނުންވާ ގޮތަށް ގައުމުގައި ހުރިހާ ކަމެއް ވާންޖެހޭނެ ކަމަށް ހީވެފައި އޮންނަ އޮތުމެވެ. އަދި ގައުމުގެ އެންމެން އޭނާއަށް ސަނާކިޔާނެ ކަމަށް ވެފައި އޮންނަ ކުށްހީއެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތަކާއި މުއައްސަސާތަކާއި އެ ތަންތަނުގެ މުވައްޒަފުންނަކީ އޭނާކުރާ ކޮންމެ އަމުރަކަށް، އެއީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިޔަސް، ލޯ މަރައިގެން ހުރެ، އަމަލުކުރަންޖެހޭނެ ކަމަށް ހީވާ ހީވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން މީހަކު މަގާމަކަށް އައްުޔަން ކުރިއަސް އެމީހެއްގެ ވާޖިބަކަށް ވާންވާނީ ގާނޫނުއަސާސީ އާއި ގާނޫނު ނެގެހެއްޓުމެވެ. ރައީސުލްޖުމްހޫރިއްޔާ ބުނާހާ ގޮތަކަށް ކަންކުރުމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބުނާގޮތަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ގޮތެއް ކަމަށްވާ ނަމަ، އެމީހަކު އެކަމަށް ނޫނެކޭ ބުނަން ޖެހޭނެއެވެ. އެކަމަށްޓަކައި ދައުލަތުގެ ކޮންމެ މަގާމަކަށް އިންތިހާބުކުރެވޭ އަދި އައްޔަންކުރެވޭ މީހަކީ ގާނޫނުއަސާސީ އަށް އަހުލުވެރި މީހަކަށް ވުން ލާޒިމުކުރެއެވެ.
ޑރ. މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވެއްޖެކަމުގެ އަޑުތައް އިންތިހާއަށް ގަދަވެފައިވެއެވެ. އިވޭ އަޑުތަކަށް ބަލާއިރު ހިލާފުތަކުގެ ލިސްޓު ކުރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަށް މަހަކު 50،000ރ. ދީފައިވަނީ ރިޝްވަތުގެ ގޮތުގައި ކަމާއި އެއީ މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކަންތައްތައް މަޖިލީހުގައި އޮއްބާލަން ދިން ރިޝްވަތުގެ ފައިސާއެއްކަން ސާބިތުވާނެ އެވެ.
ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީފައިވާ މައްސަލަ އާއި އެނޫންވެސް ނުފޫޒުގެ މައްސަލަތައް ބަލައިދިނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން އެތަނުން އެ މައްސަލަތައް ނުބަލައި އެ ތިބެނީ މުއިއްޒުގެ ނުފޫޒުންކަން ކަށަވަރެވެ. އޭސީސީއިން އެ މައްސަލަތައް ނުބަލައި އެތިބެނީ އެ މައްސަލަތައް ފަސޭހައިން ސާބިތުވާން އޮތީމަ ކަމަށް ގަބޫލުކުރެވެއެވެ.
ކިތަންމެ ބާރަށް އަޑުލައި، ނިތްކުރިއަށް ރުލެއް އަރުވާވެސް ނުލައިހުރެ ތިމަންނަ ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވަމޭ ބުނި ނަމަވެސް، މުއިއްޒު ބުނެގެން ބަންޑާރަ ނާއިބު އުޝާމް އާއި މުހްތާޒު މުހުސިން އާއި، ޖޭއެސްސީގެ ރައީސް ގުޅައިގެން ވާހަކަ ދެއްކި ފަނޑިޔާރުން އަދިވެސް ހެކިބަސްދެވޭ ގޮތަށް ދުނިޔޭގައި އެބަތިއްބެވެ. ބިރު ދައްކަން ފަނޑިޔާރުން ގާތަށް އޭޖީ އުޝާމް ފޮނުވި ގާނޫނީ ވަކީލުން ވެސް ހެކިބަސްދޭން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ. ޖޭއެސްސީގައި އިންނަ ރައީސްގެ ކުރީގެ މެންބަރު ސަމީރު ޖޭއެސްސީގައި ދެކެވޭ ވާހަކަ ރެކޯޑުކޮށްގެން މުއިއްޒުއަށް ގެންދިޔަ ކަމަށް އޭނާ އެހެރީ ހެކިބަސްދޭން ތައްޔާރަށެވެ. ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ޑރ. މުއިއްޒުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލަ އޭޖީ އުޝާމް އާއި ހޯމް މިނިސްޓަރު އިހުސާނު މެދުވެރިކޮށް ހުއްޓުވުމަށް ކުރި މަސައްކަތް އޭސީސީ އާއި ޖޭއެސްސީގެ ލިޔެކިޔުންތަކުންނާއި އެތަންތަނުގެ މުވައްޒަފުންގެ ހެކިބަހުން ސާބިތުވާނެއެވެ.
ދުސްތޫރީ މައްސަލައިގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ މައްސަލަ ނިންމައިދޭން ރައީސް މުއިއްޒު އެދޭކަމަށް އޭޖީ އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ފޯނުންނާއި އެހެނިހެން ގޮތްގޮތުން ގުޅައިގެން އެދިފައިވެ އެވެ. ރައީސް އެދިވަޑައިގަންނަވާ ގޮތަށް ދުސްތޫރީ މައްސަލަ ނިންމައިނުދީފި ނަމަ ސުލޫކީ މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅެން ހުރި ކަމަށް އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާތުގައި ބުނެފައިވެއެވެ.
2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ނިމެންދެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަމުންދިޔަ ރައީސް ޔާމީންގެ މައްސަލަ ނުނިންމައި ލަސްކުރުމަށް ހައިކޯޓުގެ ފަނޑިޔާރު ސަލީމަށް ގުޅިކަން ސާބިތުކުރެވޭނެ އެވެ. އަދި ފަނޑިޔާރު ސަލީމު އެ މައްސަލަ ލަސްކުރުމަށް ކުރި މަސައްކަތް އެކޯޓުގެ އެހެން ފަނޑިޔާރުންނަށް އެނގޭނެ އެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުން ސަލީމުގެ މައްސަލަ ހައިކޯޓަށް ވެއްދުމުން އެ މައްސަލަ ބެލުނަ ނުދޭން ރައީސްގެ މެންބަރާއި ވަކީލުން ތަމްސީލު ކުރާ މެންބަރު އެ މައްސަލަ ކޮމިޝަނުގެ އެހެން މެންބަރުންނަށް ސިއްރުން ބޭރުކޮށްލިކަންވެސް ސާބިތުވާނެއެވެ. މިއީ ޑރ. މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ކަމުގެ ހެކިތަކެވެ.
ޑރ. މުއިއްޒު ގާނޫނުއަސާސީގެ 141 (ނ) އާ ހިލާފަށް ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވަވާކަމަށް އދ މަޖިލީހުންނާއި ދުނިޔޭގެ އެކި ޖަމާއަތްތަކުން ބަޔާންކޮށްފައިވެ އެވެ. ދުނިޔޭގެ ރެކޯޑު ހަދާ ވާހަކަ ދައްކާއިރު ރައީސް މުއިއްޒު ކޯޓުތަކަށް ނުފޫޒު ހިންގައި ބިރު ދައްކަމުންދާ ވާހަކަ އދ. މަޖިލީހުން ބުނުމަކީ ކުޑަ ރެކޯޑެއް ހެއްޔެވެ.
ގާނޫނުއަސާސީގެ 115 މާއްދާއާ ހިލާފަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާކަން ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތަކުގެ ލިޔެކިޔުންތަކުން ސާބިތުވާނެއެވެ. ކެމްޕޭންކޮށްދިނުމުގެ އަގެއްގެ ގޮތުގައި ދައުލަތުގެ ވަޒީފާތައް ވިއްކާފައިވާ ކަމާއި އެއީ ރިޝްވަތުގެ ކުށްތަކެއް ކަން ސާބިތުވާނެއެވެ.
ރައްޔިތުންގެ މަޖިލިސް އޮތީ މުއިއްޒުގެ ނުފޫޒުގެ ދަށުގައި ހަފުސްވެ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށާއި މުއިއްޒު މަޖިލިސް ކޮންޓްރޯލްކުރާ ގޮތާއި މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަން ބުނެދީ ހެކިބަސްދެވޭނެ މީހުން އެބަތިއްބެވެ. އެގޮތަށް ހެކިބަސްދޭނެ މެންބަރުންވެސް އެބަތިއްބެވެ. ރައީސް މުއިއްޒު މަޖިލިހުގެ މަސައްކަތަށް ހުރަސް އެޅުމަކީ ގާނޫނުއަސާސީ ނެތިކޮށްލުމުގެ އަމަލެކެވެ. އެއީ ގާނޫނުއަސާސީއަށް ހިޔާނާތްތެރިވުމުގެ ކުށެކެވެ.
ރައީސް މުއިއްޒުގެ އެންގުމަށް ސުލްހަވެރި މުޒާހަރާއެއް ފުލުހުން ރޫޅާލާފައިވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި ހިލާފަށެވެ. ރައީސް އޮފީހުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނޫސްވެރިންނާއި އެހެން ފަރާތްތަކުން އެދިގެން ދޫކޮށްފައިނުވަނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާއާ ހިލާފަށެވެ. ރައީސް މުއިއްޒު ބޭންކް އޮފް މޯލްޑިވްސްއާއި އެމްއެމްއޭ ގެ މަސައްކަތުގެ ތެރެއަށްވަދެ ނުފޫޒުފޯރުވުމަކީ އެމްއެމްއޭގެ ގާނޫނާ ހިލާފު އަމަލެކެވެ.
ސަރުކާރުން ތަންފީޒުކުރަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުންނާއި އެހެން ކޯޓުތަކުން ކޮށްފައި ހުރި ހުކުމްތަކެއް ރައީސް މުއިއްޒު ތަންފީޒުނުކޮށް އެބަހުއްޓެވެ. އެ ހުކުމްތަކަކީ ކޯޓުގެ އަމުރުތަކާ ހިލާފުވުމުގެ ސަބަބުން މިހާރުން މިހާރަށް ވެސް ހޯމް މިނިސްޓަރާއި ރައީސް މުއިއްޒު ޖަލަށް ލެވިދާނެ މައްސަލަތަކެކެވެ. ގިސާސްގެ ހަތަރު މައްސަލައެއް ސާބިތުވުމުން އެ ހުކުމްތައް ތަންފީޒުކުރަން ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފައި ވެއެވެ. އެ ހުކުމްތައް ތަންފީޒުކޮށްފައި ނެތުމަކީ ޑރ. މުއިއްޒުކޮށްފައިވާ ދީނީ އަދި ގާނޫނީ ކުށެކެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ، އޭނާ އެ މަގާމުން ވަކިކުރަންޖެހޭނެކަމަށެވެ.
މަތީގައި އެވާ ކަންކަމަށް ބަލާއިރު ޑރ. މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވެފައިވާތީވެ، އެ މަގާމުން އޭނާ ވަކިކުރުމަކީ މަޖިލީހުގެ މައްޗަށް އޮތް ވާޖިބެކެވެ. ގިސާސްގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް ހުރުމަކީ އިސްލާމްދީނުގެ އަސްލަކާ ޑރ. މުއިއްޒު ހިލާފުވުމެވެ. އެހެންކަމުން އޭނާ ރައީސްގެ މަގާމުން ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް ވާޖިބެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. މި ވާޖިބު އަދާކޮށްލާށެވެ. އަދި މަޖިލީހުގެ މަންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާހު ވެސް މަޖިލީހުން ބާތިލުކޮށްލާށެވެ. އޭރުން އެ ހުރިހާ މައްސަލައެއް ހައްލުވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ