ފަނޑިޔާރުން ވަކިކުރާތީ ކަންބޮޑުވެ، އިބްރާގެ ސިޓީއެއް މަޖިލީހަށް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ކަންބޮޑުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ)، މަޖިލީހަށް އިއްޔެ ސިޓީއެއް ފޮނުއްވައިފިއެވެ. ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ނިންމައިފައެވެ. އެއީ ސަސްޕެންޝަަންގައި ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާގެ ސިޓީގައި ވިދާޅުވީ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން ގާނޫނީ އިމުން ބޭރުން ދައުލަތުގެ މުއައްސަސާއަކުން ނިންމާފައިވާ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިލައްވާތީ، އެ ކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވެލެއްވީ ކަމަށެވެ. އޭނާ ވަނީ ޖޭއެސްސީގެ ނިންމުން ދިރާސާކުރާއިރު ދެ ކަމެއް ބައްލަވަން އެދިވަޑައިގެންފައެވެ. އެއީ، ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ހެޔޮ ނިޔަތުގައިތޯއާއި އެކަން ކުރަން އޮންނަ އިޖުރާއަތްތައް ފުރިހަމަކުރިތޯއާއި އަދި އެ ނިންމުން ނިންމީ ހެކިތައް ރަނގަޅަށް ވަޒަންކުރުމަށް ފަހު ގާނޫނީ އުސޫލުތައް ތަތުބީޤުކުރައްވައިގެންތޯއެވެ. https://x.com/ibramandhu/status/1919107276721549808 އިބްރާ ވިދާޅުވީ، އަސާސީ އަމަލުކޮށްފައިނުވާނަމަ އެ މައްސަލައިގެ ނިންމުން ބަލަން ނުޖެހޭނެ ކަމަށެވެ. އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ނަމަވެސް ހެކިތަކުން މައްސަލަ ސާބިތުވޭތޯއާއި ދެވޭ އަދަބަކީ ސާބިތުވާ ކުށާ އެކަށިގެންވާ އަދަބެއްތޯ ވެސް މަޖިލީހުން ބަލަންޖެހޭނެ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީން އަމަލުކުރީ ގާނޫނުުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ މައްސަލައިގައި އެ ކޮމިޝަންގެ މެންބަރުން ވެސް އަމަލުކުރީ އުސޫލުން ބޭރުން ހެޔޮނިޔަތް ނެތި ކަމަށް އިބްރާގެ ސިޓީގައި ވަނީ ތުހުމަތުކުރައްވާފައެވެ. އެހެންވެ، ގާނޫނީ އިމުގެ ބޭރުން ކުރާ ކަންކަމަށް ގާނޫނީ ބާރު ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، މުޅި ކޯޓު ހުއްޓުމަކަށް ގެނެސްފައި ބާއްވައިގެން، އަދި ކޯޓަށް ނުފޫޒު ފޯރުވޭނެ ގޮތަށް މަގުފަހިކޮށްގެން މަސައްކަތްކުރީ ޖަވާބުދާރީވުމާއި ބާރުތައް ވަކިކުރުމުގެ މަފްހޫމް އެއްކޮށް ނައްތާލަން ކަމަށް އިބްރާ ތުހުމަތުކުރެއްވިއެވެ. އޭނާ ވަނީ މައްސަލަ ނިންމުމުގެ ކުރީގައި ފަނޑިޔާރުން ކޮންމެހެން މަޖިލީހަށް ހާޒިރުކުރަން ވެސް އެދިވަޑައިގެންފައެވެ. އެ މައްސަލައިގައި މިހާތަނަށް ފެންނަން ހުރި ކަންކަމަށް ބަލައި، ތައްޔާރުކުރި ދިރާސާއެއް ވެސް އިބްރާ ވަނީ މަޖިލީހަށް ފޮނުވައިފައެވެ. https://sun.mv/205596 "އެ ކޯޓަކީ ގާނޫނުއަސާސީ ރައްކާތެރިކުރަން އޮތް އެންމެ މަތީ ފަރާތެވެ. އެ ކޯޓުގެ ފަނޑިޔާރުން ބައްލަވާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން އެއްފަހަރާ މަގާމުން ވަކިކުރެވޭ ކަމަށްވާނަމަ، ދެން ރައްކާތެރިކަމެއް އޮތީ ކާކަށް، ކޮން ކަމެއްގައިތޯއެވެ؟،" އިބްރާގެ ސިޓީގައިވެއެވެ. އޭނާ ވަނީ މަޖިލީހުން ގާނޫނުއަސާސީ ހިމާޔަތްކުރަން އެދިވަޑައިގެންފައެވެ. "މުޅި މި މައްސަލަ ފެށިގެން އައީ ވެސް، ރައްޔިތުންގެ މަޖިލީހުން އަމިއްލަ ފައިންޕުޅުގައި ފުރޮއިން ޖެއްސެވެމުންނެވެ. އަޅުގަނޑު އުންމީދުކުރަނީ، އަނެއް ފައިންޕުޅުގައި ފުރޮއިން ނުޖައްސަވައި، ގާނޫނުއަސާސީ ހިމާޔަތްކުރައްވާނެ ކަމަށެވެ،" އެ ސިޓީ ނިންމަވާލައްވަމުން އިބްރާ ވިދާޅުވެފައިވެއެވެ. https://sun.mv/205609 ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ޝަރީއަތް ފައްޓަން މީހުން ކޯޓުގައި ތިއްބައެވެ. އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރާ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާއާ ގުޅޭ ގިނަ ކަންކަން އެނގިވަޑައިގަންނަވަނީ ނޫހުން ކަމަށެވެ. އެއިން އެއްވެސް ކަމަކަށް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ