ދުނިޔޭގެ ނަން މަޝްހޫރު ގޭމިން ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
އޭގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑިއަރީއެއް ކަމަށްވާ ރެސްޕޯން އެންޓަޓެއިންމަންޓްގެ 100 އެއްހާ މުވައްޒަފުން ވެސް ހިމެނެއެވެ.
އީއޭގެ ތަރުޖަމާނު ޖަސްޓިން ހިގްސް ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނެވިފައިވަނީ ކުންފުނީގެ ދުރު ރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަށްޓަކަ އެވެ. އަދި މުސްތަގުބަލުގައި ކުރިއެރުން ހޯދުމަށްޓަކައި ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށެވެ.
އޭގެ އިތުރުން، އާރް7 ކޯޑްނޭމް ދީފައިވާ، ޓައިޓަންފޯލް ޔުނިވާސްގައި ހިނގާ އެކްސްޓްރެކްޝަން ޝޫޓާ ގޭމެއްގެ މަޝްރޫއު ވެސް ވަނީ ހުއްޓާލާފަ އެވެ. މި ގޭމް އަދި ނެރުމާ ކައިރިވެފައެއް ނުވެ އެވެ.
ރެސްޕޯން އެންޓަޓެއިންމަންޓުން ބުނެފައިވަނީ އެ ކުންފުނިން ދެ މަޝްރޫއެއް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓީމުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ވިސްނުންތަކެއް ހުއްޓަސް އޭޕެކްސް ލެޖެންޑްސް އަދި ސްޓާ ވޯޒް ޖެޑައި ސީރީޒްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އީއޭ އިން ވަނީ "އީއޭ ސްޕޯޓްސް އެފްސީ 25" ގެ ވިޔަފާރި ދަށްވުމާ ގުޅިގެން މާލީ އަންދާޒާތައް ދަށްކޮށްފަ އެވެ. އަދި "ޑްރެގަން އޭޖް: ދަ ވެއިލްގާޑް"ގެ ވިޔަފާރި ވެސް އަންދާޒާކުރި ވަރަށްވުރެ 50 އިންސައްތަ ދަށްވުމާ ގުޅިގެން ބަޔޯވެއާ ސަބްސިޑިއަރީ ވެސް ވަނީ ކުޑަކޮށްފަ އެވެ.
އިލެކްޓްރޯނިކް އާޓްސް (އީއޭ) އަކީ 1982 ވަނަ އަހަރު އުފެދުނު، ދުނިޔޭގެ އެންމެ ބޮޑެތި ވީޑިއޯ ގޭމް ޕަބްލިޝަރުންގެ ތެރެއިން އެއް ކުންފުންޏެވެ.
ކެލިފޯނިއާގެ ރެޑްވުޑް ސިޓީގައި މައި އޮފީސް ހުންނަ މި ކުންފުނިން "ފީފާ" އަދި "ދަ ސިމްސް" ފަދަ މަޝްހޫރު ގޭމް ސީރީޒްތައް އުފައްދަ އެވެ.
އީއޭގެ ސަބްސިޑަރީއެއް ކަމަށްވާ ރެސްޕޯން އެންޓަޓެއިންމަންޓަކީ 2010 ވަނަ އަހަރު އުފެދުނު ސްޓޫޑިއޯއެކެވެ. މި ސްޓޫޑިއޯއިން "ޓައިޓަންފޯލް" އަދި "އޭޕެކްސް ލެޖެންޑްސް" ފަދަ މަގުބޫލު ގޭމްތައް ތައްޔާރުކޮށްފައިވެ އެވެ.
ފަހަކަށް އައިސް ގޭމިން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އީއޭ އާއި އެހެނިހެން ބޮޑެތި ގޭމިން ކުންފުނިތަކުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމާއި މަޝްރޫއުތައް ހުއްޓާލުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.
ގޭމިން ކުންފުނި އީއޭ އިން ބައިވަރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި ގޭމިން ކުންފުނި އީއޭ އިން ބައިވަރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ