ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 497 މިލިއަން ރުފިޔާގެ ސާފު ފައިދާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ބީއެމްއެލްއިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ. ބީއެމްއެލްއިން ވަނީ މިދިޔަ ކުއާޓަރުގައި އެ ބޭންކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް ބުނެފައެވެ. އެ ބޭންކުން ބުނީ, މި ކުއާޓަރުގައި ބޭންކުން ލޯނު ދޫކޮށްފައިވާ އަދަދު 470 މިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ބޭންކުން ބުންޏެވެ. ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް ފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބަރާންޗްގެ އިތުރުން 107 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 165 އޭޓީއެމް އަދި އޭޖެންޓް ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ