ޓޫ އޮފް އަސްއިން ދިވެހީން ފަޚުރުވެރިކޮށް، ރާއްޖެ އައީ ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސައިގެން
މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްގެ އެވޯޑާއެކު, ދިވެހިރާއްޖެ ތަމްސީލު ކުރި "ޓޫ އޮފް އަސް" ބޭންޑު މިއަދު އެނބުރި ރާއްޖެ އަތުވެއްޖެއެވެ. މި ބޭންޑުގައި ހިމެނެނީ އަޙްމަދު އަދުހަމާއި، ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ. ރާއްޖެ އައުމަށްފަހު، "ޓޫ އޮފް އަސް"އިން ވަނީ އެސްއެސް މީޑިއާއާއެކު ވަރަށް ޚާއްސަ ވަގުތުކޮޅެއް ހޭދަކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ބޭންޑުގެ މެންބަރުން ވަނީ އެސްއެސްޓީވީގެ ކްރޫއާއެކު ބަހުގައި ޓީވީ ސްޓޭޝަނަށް ޒިޔާރާތްކޮށް، ޚާއްސަ ލައިވް ޝޯއެއްގައި އެ ދަތުރުގެ ވާހަކަތައް ހިއްސާކޮށްފައެވެ. ދިމާވި ގޮންޖެހުންތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރި ގޮތް ހިއްސާކުރިއެވެ. "ރޯދަމަހު ޕާފޯމް ކުރަމުން ދިޔައީ. ރޯދަ ހިފަމުން ނަމާދުތައް ކުރަމުން. ހީކުރީ އެހެން ގައުމެއްގައި ވީމަ ތަންކޮޅެއް އުނދަގޫވާނެ ކަމަށް. އެ ހުރިހާ ކަމަށް ވަކިން ޓައިމް ދީފަ އެބަހުރި މި ބޭންޑަށް،" ބޭންޑުގެ އިސް ލަވަކިޔުންތެރިޔާ އަދުހަމް ބުންޏެވެ. ބޭންޑުގެ ކޮންމެ މެންބަރަކަށް ވެސް އެންމެ ބޮޑަށް ދިމާވި އެއް ގޮންޖެހުމަކީ މާ ހެނދުނާ ލަވަތައް ކިޔައި މިއުޒިކް ކުޅެން ޖެހުން ކަމަށް އަދުހަމް ބުންޏެވެ. އާއްމުގޮތެއްގައި ހެނދުނު 07:00 ނޫނީ 08:00 ޖަހާއިރު ލަވަތައް ކިޔަން ޖެހުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ފުރަތަމަ އެޕިސޯޑަށް ފަހު އެކަމަށް ވެސް ހޭނުނު ކަމަށް އޭނާ ބުންޏެވެ. އެސްއެސްޓީވީގެ ލައިވް ޝޯގައި "ޓޫ އޮފް އަސް ބޭންޑު" -- ސަން ފޮޓޯ/ މުހައްމަދު އަފުއާން "ކޮންމެ ޕާފޯމަންސަކީ ވެސް ހަމަ ވަން ޓޭކް. ރިއަލިޓީ ޝޯއަކާ ބަލާފައި ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ހުރިހާ އެޕިސޯޑެއް ވެސް ނިންމާފައިވާނީ. ކޮންމެ އެޕިސޯޑެއް ދޭތެރޭ ލިބެނީ ތިން ދުވަސް ރެޑީވާން. އަނެއް އެޕިސޯޑުގައި ކިޔަންޖެހޭ ލަވަ އިނގެނީ ވެސް އެޕިސޯޑު ނިމުނީމަ،" އަދުހަމް ބުންޏެވެ. އަދުހަމްގެ ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ ބޭންޑުގެ އެހެން މެންބަރުންގެ ގުރުބާނީއެވެ. "މިތަނުގައި އަޅުގަނޑު ނުލާ މިހުރި ހަތަރު ކުދިން ވަރަށް ބޮޑު ސެކްރިފައިސްއެއްވި. އެއްވެސް ބަޔަކީ، ކުރިއަށް ގޮސް އެމީހެއްގެ ގާބިލުކަން ދައްކަން އެހެން މީހުންގެ އެއްބާރުލުމާ ނުލައި ދެވޭނެ ބައެއް ނޫން. ޗޫޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން،" އަދުހަމް ބުންޏެވެ. ޝަމްރޫހާއި ޖަޝިމްއަކީ ދިރިއުޅުމަށް އާމްދަނީ ހޯދަން މިއުޒިކް ކުޅޭ ދެ މީހުންކަން ފާހަގަކޮށް އަދުހަމް ބުނީ ދެ މަސް ދުވަހު މަސައްކަތް ހުއްޓާލުމަށްފަހު އެ ދެމީހުން ވެސް އިންޑިއާއަށް ދިޔައީ އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ކަމަށެވެ. "އެކުދިން ވެސް އެ ކޮށްދިނީ ވަރަށް ބޮޑު ސެކްރިފައިސްއެއް. ނަސޫހަކީ ކ. ކާށިދޫ ކުއްޖެއް. މަންމައާއި އާއިލާ އެންމެން ދޫކޮށްފަ އައިސް، އަޅުގަނޑު ބުނި ބުނުމަކަށް. އެހެންވީމަ އެކުދިންގެ މުޅި ލައިފް ސްޓޮޕް ކޮށްފަ އައިސް އެދިން ހިތްވަރޭ އަޅުގަނޑުގެ ފަރާތުން އެ ޑެލިވާކޮށްދެވުނީ،" އަދުހަމް ބުންޏެވެ. "ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް'ގެ ފިނާލޭގައި -- ރާއްޖެއަށް މިއީ ހަމަ 'އެއްވަނަ' "ފުރަތަމަ ޓޮޕް ސިކްސްއަށް ދިޔައިރުވެސް އަހަރެމެން ހަމަ ވިސްނީ އެއީ މޮޅެއްގެ ގޮތުގައި. ޓާގެޓް ކޮށްގެން ތިބީ ޓޮޕް ފައިވްއަށް. ދެން ހަމަ މަސައްކަތްކުރީ ޓޮޕް ތްރީއަށް ދެވޭތޯ،" ކާމިޔާބާ ދޭތެރޭ ބޭންޑުން ދެކޭގޮތް ހިއްސާކުރަމުން ޝަހީދު ބުންޏެވެ. ކޮންމެ ހުށަހެޅުމަކަށް ލަވަތައް ތަރުތީބުކޮށް، ޕްރެޒެންޓޭޝަން ރޭވިއިރު އެންމެ ބޮޑަށް އިސްކަން ދިނީ ވީހާވެސް ތަފާތު ހުށަހެޅުމެއް ބެލުންތެރިންނަށް ގެނެސްދެވޭތޯ ކަމަށް އޭނާ ބުންޏެވެ. "މިސާލަކަށް ބައެއް ބޭންޑްސް އެބަހުރި އެއްކަހަލަ ޕާފޯމަންސްތައް ގެނެސްދެވޭތޯ. އެކަމު އަހަރެމެން މަސައްކަތްކުރީ ތަފާތު އެއްޗެއް ގެނެސްދެވޭތޯ،" ޝަހީދު ބުންޏެވެ. އަދުހަމް ބުނި ގޮތުގައި މި ކާމިޔާބީއަކީ ކުޑައިރުގެ ހުވަފެނުގައި ކުލަޖެހުންފަދަ ކަމެކެވެ. "އެކަމަކު ކުޑައިރުއްސުރެ ވެސް ސްކޫލްގައި އުޅުނު އިރުވެސް ޑްރީމްއެއް ގޮތުގައި ބޭނުންވެފަ އޮތްކަމެއް މިއީ. ރާއްޖެ ރިޕްރެޒެންޓުކުރަން ނޫނީ ދިވެހިރާއްޖޭގެ އާޓިސްޓުން ގޮސް ރާއްޖެއިން ބޭރު ޕްލެޓްފޯމެއްގައި ޕާފޯމްކުރުން،" އަދުހަމް ބުންޏެވެ. "ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން ކަމަށްވާ އަދުހަމް، ޢަބްދުالله ޝަމްރޫހު، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީން، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމް-- ފޮޓޯ/ ފޭސްބުކް "މިއުޒިކީ ދާއިރާއިން ކުރިއަރާ އާޓިސްޓުންނަށް ރަނުގެ ފުރުސަތެއް" ރާއްޖޭގައި މިހާރު އެންމެންގެ ވެސް މަގުބޫލުކަން ހޯދާފައިވާ އަދުހަމް ވަނީ ކުރިއަރަމުން އަންނަ މިއުޒިޝަނުންނަށް ޚާއްސަކޮށް ވަރަށް ވަރުގަދަ މެސެޖެއް ވެސް އެސްއެސްޓީވީގެ ލައިވް ޝޯގައި ދީފައެވެ. "ދިވެހި މިއުޒިޝަނުން އެބަޖެހޭ ކަންނޭނގެ އަމިއްލައަށް ވެސް އެބައެއްގެ ހުނަރު ހުރިކަން [ދައްކަން] އެ މަސައްކަތްކުރަން. މިބުނާ އެއްޗަކީ ބަޔަކު ކޮށްދޭތޯ، ބަޔަކު އަތުގައި ހިފައިގެން ގެންގޮސްދޭތޯ، ނޫނީ ސަރުކާރުން ކޮށްދޭތޯ، ނޫނީ ޖެހިގެން އިން ގެއިން ކޮށްދޭތޯ، އެހެނެއް އެއްވެސް ގައުމެއްގައި ކުރިއަކަށް ނާރާނެ. އެހެންވީމަ އެކަން ދޫކޮށްލާ،" އަދުހަމް ބުންޏެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ އެމްބެސެޑަރުންގެ ގޮތުގައި އިންޑިއާގެ "ސަރެގަމަ"އާއެކު "ޓޫ އޮފް އަސް"އިން ވަރަށް އަވަހަށް ސޮއިކުރާނެއެވެ. އޭރުން ދިވެހިރާއްޖޭގައި އަރަމުން އަންނަ ވަރަށް ގިނަ އާޓިސްޓުންނަށް ރަނގަޅު ޕްލެޓްފޯމެއް އުފެދޭނެ ކަމަށް އޭނާ ބުންޏެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ވެސް ޓެލެންޓް ޝޯތައް ފަށަން 'ސަރެގަމަ'އާއެކު ވާހަކަދެކެވިފައިވާ ކަމަށް އަދުހަމް ބުންޏެވެ. "މި ހުޅުވައިދިނީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ދޮރެއް. އިތުރު އެހެން އާޓިސްޓުންނަށް ވެސް ފުރުސަތުތައް ހުޅުވިގެންދާނެ. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ލޭބަލްތަކުން ވެސް ރީޗްވާނެ ދިވެހިރާއްޖޭގެ އާޓިސްޓުންނަށް. އެހެންވީމަ އޭގެ މާނައަކީ ދެން އެވީ އަމިއްލައަށް މަސައްކަތްކުރަން ފަށަން،" އަދުހަމް ބުންޏެވެ. އެސްއެސްޓީވީގެ ލައިވް ޝޯގައި "ޓޫ އޮފް އަސް ބޭންޑު" -- ސަން ފޮޓޯ/ މުހައްމަދު އަފުއާން އެސްއެސްޓީވީގެ ލައިވް ޝޯގައި "ޓޫ އޮފް އަސް"އިން ވަނީ ކުރިއަށް އޮތް އީދުގައި ބެލުންތެރިންނަށް ނ. އަތޮޅާއި، ބ. އަތޮޅުން ޓޫ އޮފް އަސްގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ބުނެފައެވެ. "އީދު ނިންމާފަ ބޮޑު ސަޕްރައިޒެއް އިންނާނެ. އޮކްޓޫބަރުގައި ފްރާންސްގައި ޑިސެމްބަރުގައި ޔޫކޭގައި،" އަދުހަމް ބުންޏެވެ. ކުޑަކުޑަ ހަމަހިމޭން ޖަޒީރާ ރާއްޖެއިން ފެށި ދަތުރު, ބައިނަލްއަގުވާމީ މައިދާނުގައި "ޓޫ އޮފް އަސް"އިން ނިންމާލީ ވާދަވެރިކަން ބޮޑު ސްޓޭޖެއްގައި އެތައް މިލިއަން ބައެއްގެ ލޯތްބާއި އިޙްތިރާމު ހޯދުމަށްފަހުއެވެ. https://sun.mv/205591 މުބާރާތުގެ ގްރޭންޑް ފިނާލޭއާ ހަމައަށް "ޓޫ އޮފް އަސް"އިން ގެނެސްދިން ކޮންމެ ހުށަހެޅުމެއްގެ މިއުޒިކާއި ބީޓުގައި، ދިވެހީންގެ ޖަޒުބާތުތައް އެ ބޭންޑުން ވަނީ ވަރަށް ހިތްގައިމު ގޮތަކަށް ސިފަކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ