ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް، ހުޅުމާލޭގައި ގާއިމްކުރި ތެލެސީމިއާ ސެންޓަރު ކަމަށްވާ 'އޮރެންޖު ހިޔާ'އަށް މާލޭން ދަތުރުކުރުން ފަސޭހަކުރުމަށް އެމްޓީސީސީން އިތުރު ބަސް ރޫޓެއް މިއަދު ތައާރަފުކޮށް، ހުޅުމާލޭ ދެ ފޭސްގެ ދެމެދުގައި ދުއްވާ ބަސް ރޫޓެެއްގައި ވެސް 'އޮރެންޖު ހިޔާ' ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީން ނެރުނު އިއުލާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން:
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު ދަތުރުކުރާ 'އާރު-5' ރޫޓުގެ ބަސް 'އޮރެންޖު ހިޔާ'ގައި މަޑުކުރާނެ
މާލޭން 'އޮރެންޖު ހިޔާ'އަށް ދަތުރުކުރުން ފަސޭހަކުރުމަށް، 'އާރު-15'ގެ ނަމުގައި އާ ބަސް ރޫޓެއް ވަނީ ތައާރަފްކޮށްފައި
ތަފްސީލް - ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން މިދިޔަ މާޗުގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ މެނޭޖުމަންޓާ ބައްދަލުކޮށް، މެނޭޖުމަންޓުން ދިން ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން އެ ތަނުގައި މުޒާހަރާކޮށްފައިވެ އެވެ.
އެއާ އެކު، ރައީސް މުހައްމަދު މުއިއްޒު ޖެހިގެން އައި ދުވަހު އެ ތަނަށް ވަޑައިގެން، 'އޮރެންޖު ހިޔާ'ގެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވި އެވެ. ސިފައިން ވަނީ އެއް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާފަ އެވެ.
ގުޅުން ހުރި - ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު އެ މަނިކުފާނުގެ އޮފީހުގައި ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރައްވާފަ އެވެ. ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް އެ ބައްދަލުވުމުގައި ދެއްވި އެވެ.
ތެލެސީމިއާ މީހުންނަށް 'އޮރެންޖު ހިޔާ'އަށް ދާން ބަސް ރޫޓެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ