އަތޮޅުތެރޭގެ އިމާމުންގެ ލަސްވި މުސާރަ ޖަމާކޮށްފި

އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނަށް މިމަހު މުސާރަ ޖަމާނުވެ ލަސްވާތީ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މިއަދު މުސާރަ ޖަމާކޮށްދީފިއެވެ. މިއަދު އެކަމާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަދެއްކި ގިނަ އިމާމުން ވަނީ މިއަދު ހަވީރު މިމަހުގެ މުސާރަ ޖަމާކޮށްދީފައިވާ ކަމަށް ބުނެފައެވެ. އެ އިމާމުންނަށް މިއަދު މުސާރަ ޖަމާކޮށްފައިވަނީ، މުސާރަ ލަސްވެގެން އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން، އާންމުކޮށް މަހުގެ އެއްވަނަ ދުވަހު މުސާރަ ޖަމާވި ނަމަވެސް، މިމަހުގެ މުސާރަ ލަސްވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ޖަމާކުރުމުގައި ލަސްތަކެއް އުޅޭތީ ކަމަށް, އިމާމުން ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ވައިބާ ގުރޫޕެއްގައި އެންގި ކަމަށް އިމާމަކު ބުންޏެވެ. މި މައްސަލައިގައި "ސަން"އަށް މައުލޫމާތު ދިން އިތުރު އިމާމަކު ކުރިން ބުނީ، އާއްމުގޮތެއްގައި ކޮންމެ މަހެއްގެ ވެސް އެކެއްގެ ކުރިން މުސާރަ ޖަމާވާ ކަމަށެވެ. އަދި ބަންދު ދުވަހަކާ ދިމާވެއްޖެނަމަ އޭގެ މާކުރިން ވެސް ޖަމާކޮށްދޭ ކަމަށް އޭނާ ބުންޏެވެ. މިމަހު މުސާރަ ލަސްވުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ބައެއް ބިލުތައް ވެސް ނުދެއްކުނު ކަމަށް އެ އިމާމު ބުނެފައިވެއެވެ. އަތޮޅުތެރޭގެ އިމާމުންނަށް މިއަދު މުސާރަ ޖަމާކޮށްދިން ނަމަވެސް، މާލޭގެ މިސްކިތްތަކުގެ އިމާމުންނަށް އޭގެކުރިން ވަނީ މުސާރަ ޖަމާކޮށްދީފައެވެ. މުސާރަ ލަސްވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ