މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން ދަމަހައްޓާނަން: ރައީސް

މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
ބުނީ ކީކޭ؟ - ރައީސް ވަނީ ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން، އެ މަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގަ އެވެ.
"އަޅުގަނޑު މި މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންނަށް ތައުރީފު ކުރަން. ސައްހަ އަދި އިތުބާރު ހުރި ރިޕޯޓްތައް ނެރުމަށް ކުރާ ކެތްތެރިކަމާއި ހިތްވަރަށް ތައުރީފު ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުޖުތަމައުތައް ކަށަވަރުކޮށްދިނުމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި އިންސާފު ކުރިއެރުވުމުގައި އެ ބޭފުޅުންގެ މަސައްކަތް ވަރަށް ބޮޑު ރޯލެއް ކުޅޭ."
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ 'ހިތްވަރުގަދަ އާ ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު' އެވެ. މި ޝިއާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އިން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން، މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެ އެވެ.
ރައީސް ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭއައި އަކީ މައުލޫމާތު ތަހުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައި ވެސް ބޭނުންކުރެވިދާނެ އާލާތެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭއައި އުފެއްދުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހްލާގާ އެއްއުއިވާނެ ގޮތަށް އޭއައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް ފަދަ ގައުމީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގުޅުން ހުރި - މިއަދު ހެނދުނު 10 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.
ރައީސް މުއިއްޒު 17 ނޮވެމްބަރު 2023ގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިދިޔަ އެއް އަހަރާއި ފަސް މަސްދުވަސް ތެރޭ ރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ތިން ފަހަރު އެވެ. އެއީ:
3 ޑިސެމްބަރު 2023: ތުރުކީ އާއި ކޮޕް28 ސަމިޓުން އެނބުރި ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
5 ޑިސެމްބަރު 2023: ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުން
13 ޖެނުއަރީ 2024: ޗައިނާ ދަތުރުފުޅަށް ފަހު އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ