ރައީސުލްޖުމްހޫރިއްޔާ އަށް ހާއްސަކޮށްފައި އޮންނަ ކ. އާރަށަށް 116 ފަހަރު ވަޑައިގެންފައިވާނެ ކަމަށާއި އެ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އާއިލާއިން އާދަޔާ ހިލާފަށް އާރަށަށް ވަޑައިގަންނަވާ ކަމަށާއި އެ ރަށުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް މި ފަހުން ސޯޝަލް މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ.
މި ދަތުރުތަކަށް ބޭނުންކުރި ލޯންޗުތަކުގެ ތެލަށް ދައުލަތުގެ ބަޖެޓުން 643،645ރ. ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރުތަކުގައި ކެއުމަށް މުލިއާގެ ބަދިގެއިން ހަރަދުކުރި ކަމަށް ރައީސް ވިދާޅުވީ 565،703ރ. ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެ ރަށަށް ވަޑައިގަންނަވާ މައިގަނޑު ސަބަބަކީ ފުޓްބޯޅަ ކުޅުއްވުން ކަމަށެވެ. ހަފުތާއަކު ތިން ދުވަހު ވަޑައިގެންނެވޭތޯ ބައްލަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެމްއެންޑީއެފް އިން މައުލޫމާތު ނަގައިގެން ބަލައިލިއިރުގަ، ޖުމްލަ މިއަދާ ހަމައަށް އަޅުގަނޑަށް ދެވިފަ ވަނީ 116 ފަހަރު. ދެން މީގެތެރެއިން 85 ފަހަރު ގޮސްފަ ވަނީ ހަމައެކަނި ފުޓްބޯޅަ ކުޅެން،" ރައީސް ވިދާޅުވި އެވެ.
ފުޓްބޯޅަ ކުޅެން ދާއިރު އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ވެރިން ވަޑައިގަންނަވަ އެވެ. މި ދަތުރުތަކުގައި ހޭދަކުރައްވަނީ ދެތިން ގަޑިއިރު ކަމަށް ރައީސް ވިދާޅުވި އެވެ.
އާއިލާއާއެކު އާރަށަށް ވަޑައިގެންނެވީ 31 ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އާއިލާގެ މެންބަރުން ނުވަތަ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަކިން އާރަށަށް ވަޑައިގަންނަވާ ކަމެއް ނުވަތަ އެ ދަތުރުތަކުގެ އަދަދެއް އެމަނިކުފާނު ވިދާޅެއް ނުވި އެވެ.
މިއަދާ ރައީސް އަދި އާއިލާއިން އާރަށަށް ކުރައްވާ ދަތުރުތަކުގެ އަދަދު އޮތީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. މި އަދަދުތައް ހޯދަން ހުށަހެޅުމުން އެއީ މައްސަލައަކަށް ހަދައި އެކަން ތަހުގީގު ކުރަން ސިފައިންގެއިން މީގެ ކުރިން ފަށާފައިވެ އެވެ.
އާރަށަށް ވަޑައިގަންނަވަން ދައުލަތުގެ ފައިސާއިން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ އާރަށަށް ވަޑައިގަންނަވަން ދައުލަތުގެ ފައިސާއިން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ