ކޮންމެ ތަނަކަށް އެއްވެއުޅުމުގެ ހައްގު އޮންނާނެ ކަމަށް ރައީސް ވިދާޅުވުމުން ޝިމަން ދޫކޮށްލަން ވަކީލު އެދިއްޖެ ކޮންމެ ތަނަކަށް އެއްވެއުޅުމުގެ ހައްގު އޮންނާނެ ކަމަށް ރައީސް ވިދާޅުވުމުން ޝިމަން ދޫކޮށްލަން ވަކީލު އެދިއްޖެ

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ބާއްވަމުން ދިޔަ ސިލްސިލާ އިހުތިޖާޖުތަކުގައި އިސްކޮށް އުޅެނިކޮށް ބަންދުކޮށްފައިވާ އާއިޝަތު ޝިމަން އަހުމަދު ދޫކޮށްލަން އެދި އޭނާގެ ވަކީލު ފުލުހުންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ޝިމަން ދޫކޮށްލަން އެދި އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް އޭނާގެ ވަކީލުން ސިޓީއެއް ފޮނުވީ، ދުރާލާ ހުއްދަ ހޯދުމަކާ ނުލައި، މާލޭގެ ކޮންމެ ތަނަކަށް ވެސް އެއްވެސް އުޅެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ރައީސްގެ ވާހަކަތަކާ ގުޅިގެން ފޮނުވި ސިޓީގައި، ޝިމަންގެ ވަކީލު ލިޔެފައިވާ ގޮތުގައި، އޭނާގެ މުވައްކިލާއި އޭނާ ހައްޔަރުކުރި ރޭ ކުރިއަށް ދިޔަ އެއްވުމުގައި ބައިވެރިވި އެހެން އެންމެންނަކީ، ގާނޫނުއަސާސީން އެންމެހާ ދިވެހިންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފަމުން ދިޔަ ޒުވާނުންތަކެކެވެ.
"އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެންވާކަމަށް، ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ސަރުކާރުގެ ވިސްނުމަކީ، ގާނޫނުއަސާސީއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ލިބިދިނުން ކަން ހާމަވޭ," އެ ސިޓީގައި ލިޔެފައިވެ އެވެ.
މާލޭގެ ކޮންމެ ތަނަކަށް އެއްވެ އުޅެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޒުވާނުން ކުރިއަށް ގެންދާ އެއްވުންތަކަށް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި މި އެއްވުން ރޫޅާލުމުގައި ފުލުހުން ބޭނުންކުރި އިބާރާތްތައް ތަކުރާރުކުރައްވަމުން ރައީސް ވަނީ ހުތުރު ބަހުން އެއްޗެހި ކިޔާ ކަމަށާއި ކުޅިވަރު ކުޅޭ ކަމަށާއި އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ކަމަށް ވިދާޅުވެފަ އެވެ.
ޒުވާނުން ކުރިއަށް ގެންދާ "ދުލެއް ނުކުރާނަން" އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޝިމަން އާއި މުހައްމަދު މަހުޒޫމް މާޖިދެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއިި ރައްކާތެރިކަމަށް ޓަކައި އެ ދެ މީހުން ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ދެ ޒުވާނުން ވެސް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން ދަނިކޮށް އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެ މީހުންނަށް ވެސް އަނިޔާ ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ