ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމުގެ އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް، އީޖީޕީ ސިސްޓަމެއް ތަޢާރަފްކޮށް އެ ސިސްޓަމް މި އަހަރުގެ ތެރޭ ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން މި މައުލޫމާތު ހާމަކުރީ، މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލައިޒްޑް ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް އަމާޒު ހިފައި މި ތަސައްވަރުގައި ހަގީގީ ކުލަ ޖެއްސުމުގެ ބިންގާއެއްގެ ގޮތުން މިމަހު 9-11 އަށް ބާއްވާ މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓުގައި މާލީ ކަންތައްތަކާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ތަސައްވަރު ހާމަކުރުމުގެ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންގައެވެ.
މާލީ ވުޒާރާގެ ފަރާތުން ޕްރެޒެންޓޭޝަން ދެއްވީ އެވުޒާރާގެ ޗީފް އިންފޮމޭޝަން އޮފިސަރ އަލްފާޟިލް މުޙައްމަދު ނާއިޒެވެ. މާލީ ވުޒާރާއިން ފާހަގަކުރާގޮތުގައި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި މިވަގުތު ބަލަހައްޓަމުންދަނީ ޕާޗޭސް އޯޑަރުން ފެށިގެން ބިލަށް ފައިސާ ދެއްކުމާ ހަމައަށް ތައްޔާރުކުރާ ހުރިހާ ލިޔެކިޔުމެއްގެ ރެކޯޑުތައް އީޖީޕީ ސިސްޓަމް ބޭނުންކުރަން ފެށުމުން، ޕާޗޭސް ރިކުއެސްޓުން ފެށިގެން ޕާޗޭސް އޯޑަރާ ހަމައަށް ތައްޔާރުކުރާ ހުރިހާ ލިޔެކިޔުމެއް ރެކޯޑުވުމުގެ އިތުރުން ސަޕްލަޔަރުން ހޯދުމާއި، އަގު ހޯދުމާއި ކޮންޓްރެކްޓް މެނޭޖްކުރުން ފަދަ ކަންތައްތައް މި ސިސްޓަމްގެ ތެރެއިން ޑިޖިޓަލައިޒް ކުރެވިގެންދާނެއެވެ.
މާލީ ވުޒާރާއިން މޯލްޑިވްސް 2.0 ގައި ބައިވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވަނީ ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަށުން މާލީ ކަންކަމާގުޅޭ ބައިތަކުގެ މައްޗަށެވެ. މޯލްޑިވްސް 2.0 ސަމިޓުގައި އަލިއަޅުވާލާފައިވަނި ސަރުކާރުގެ ހިދުމަތްތައް ވަށާޖެހޭގޮތެއްގައި ޑިޖިޓަލައިޒްކޮށް، ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ރައްޔިތުންނަށް މުހިންމު މައުލޫމާތުތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ ތަސައްވުރު ހާސިލް ކުރުމަށް ބޭނުންވާ މުހިންމު އަށް ލަނޑުދަނޑިއަށެވެ. އަދި ސަމިޓުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.
ހަބަރު: ސަރުކާރު
ޕްރޮކިއުމަންޓް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު މޯލްޑިވްސް 2.0 ގައި މާލީ ވުޒާރާއިން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ