އެމެރިކާއިން ހަމާސްއާ އެކު ސީދާ ގޮތެއްގައި ވާހަކަދައްކާކަން އެނގި، އިސްރާއީލަށް ޝޮކެއް
ދައުޙާ (12 މެއި 2025): ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓުވުމާބެހޭގޮތުން އެމެރިކާއާއި ހަމާސް ޖަމާއަތާ ދެމެދު ސީދާ ގޮތެއްގައި ވާހަކަދައްކަމުން ގެންދާކަމާއި އެކަމާ ގުޅިގެން އިސްރާއީލަށް ކުއްލި ޝޮކެއް ލިބިފައިވާކަން އަލްޖަޒީރާއިން ހާމާކޮށްފިއެވެ. ނަންހާމަކުރަން ނޭދޭ ހަމާސްގެ އިސްވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކާއި ހަމާސްއިން ވާހަކަދައްކަމުން ގެންދަނީ ސީދާ ގޮތެއްގައެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަަތުލުއާންމުތައް ހުއްޓުވުމާ ބެހޭގޮތުންނެވެ. މި ކަމަށް މަގުފަހިވީ ހަމާސްގެ އަތްދަށުގައިވާ އެމެރިކާގެ ރަހީނެއް ކަމަށްވާ އީދާން އެލެގްޒެންޑާ މިނިވަން ކޮށްދޭނެކަމުގެ ގެރެންޓީ ހަމާސްއިން ދިނުމާ ގުޅިގެންނެވެ. އެމެރިކާގެ ނިއުސް ސައިޓެއް ކަމަށްވާ އޮކްސިއޮސްއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޮކްސިއޮސް ބުނާގޮތުން ހަމާސްއިން އެމެރިކާގެ ރަހީނު މިނިވަންކޮށްދޭނެކަމުގެ ޔަގީންކަން ދިނުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް އުފާކުރައްވައިފައެވެ. މި ރަހީނު މިއަދު ނޫނީ މާދަމާ މިނިވަންކުރާނެ ކަމަށާއި ހަމާސްއާއި އެމެރިކާގެ ވާހަކަތައް ކުރިއަށްދަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަަމަލާތައް ހުއްޓުވުމާ ބެހޭގޮތުން ކަމަށް ވެސް އޮކްސިއޮސް ބުނެއެވެ. ރޭ ޓްރަމްޕް ވަނީ ހަމާސްގެ އަތްދަށުގައިވާ އެމެރިކާގެ ރަހީނު މިނިވަންވުމަކީ ތާރީޚީ ކަމެއްކަމަށް ސިފަކުރައްވައި އެކަމާމެދު އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. ޣައްޒާއާ ބެހޭގޮތުން ވަރަށް އުފާވެރި ޚަބަރެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ޓްރަމްޕްގެ މަންދޫބެއް ކަމަށްވާ އެޑަމް ބޯލާ ވަނީ ހަމާސްގެ އިސްވެރިންނާ ގަތަރުގެ ވެރިރަށް ދައުހާގައި ސީދާ ގޮތެއްގައި މަޝްވަރާތަކެއް ކުރައްވާފައެވެ. މިދިޔަ ފެބްރުވަރީ މަހު އެކަން މީޑިއާތަކަށް ފެންމަތިވުމުން އިސްރާއީލުގެ ނާޒީ ސްޓައިލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ކުއްލި ޝޮކެއް ލިބުނެވެ. މިއާއެކު އޭނާވަނީ މިއީ ޚިޔާލަށް ވެސް ނުގެނެވޭފަދަ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށް މިކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ. މިއާއެކު އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާގެ ހަރުކަށި ޔަހޫދީ ލޮބީ ގްރޫޕްތަކާއި ޔަހޫދީ ހަރުކަށި މަހުޖަނުންނާއި ޔަހޫދީ ޒަޔަނިސްޓް ކުންފުނިތަކުން ޓްރަމްޕަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން ހަމާސްއާއި އެމެރިކާގެ ސީދާ ވާހަކަތައްވަނީ ހުއްޓުވާފައެވެ. ނަމަވެސް، މިފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ނަތަންޔާހޫ ދެކެ ކޯފާވެގެން އޭނާގެ ހަރުކަށިކަމަށް ގޮންޖައްސަވާފައި ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ. މިކަން ހުއްޓުވުމުަގައި މިފަހަރު އިސްރާއީލުވަނީ ނާކާމިޔާބު ވެފައެވެ. މީގެ ތެރޭގައި އިސްރާއީލަށް އަންގައިނުލައި ޔަމަންގެ ހޫޘީންނާ އެކު އެމެރިކާ ޑީލް ހަދައި ހޫޘީންނަށް ދޭ ހަމަލާތައް ހުއްޓާލުމާއި ސޫރިޔާގައި އިސްރާއީލު ހިންގާ ހަރުކަށި ޖަރީމާތަކަށް އެއްބާރުލުން ނުދިނުމާއި އީރާނާއެކު ނިއުކްލިޔާ ވާހަކަތައް ކުރިއަށް ގެންދިޔުންފަދަ ކަންކަން ހިމެނެއެވެ. ޓްރަމްޕްގެ މި ސިޔާސަތުތަކާ ގުޅިގެން ނަތަންޔާހޫ ވަނީ ކޯފާ އިސްކުރައްވައި، ގޮތްހުސްވާ ހިސާބަށް ގޮސްފައި ކަމަށް އިސްރާއީލުގެ ޓީވީ ނެޓްވޯކެއް ކަމަށްވާ ޗެނެލް 13އިން ބުނެއެވެ. މިއާއެކުވެސް ޓްރަމްޕާ ދެކޮޅަށް ފާޅުގައި އެއްޗެއް ބުނަން ނަތަންޔާހޫއަށް ކެރިވަޑައެއް ނުގަތެވެ. ނަމަވެސް، އިސްރާއީލުގެ ކެބިނެޓްގެ ސިއްރު ބައްދަލުވުންތަކުގައި ނަތަންޔާހޫ ޓްރަމްޕަށް ފާޑުވިދާޅުވާކަމުގެ ޚަބަރުތައްވަނީ ފެންމަތިވެފައެވެ. އިސްރާއީލުގައި ހުއްޓުމެއްނެތި ގެންދަނީ ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެއީ، ހަމާސްއާ އެކު ޑީލް ހަދައިގެން އިސްރާއީލުގެ ރަހީނުން މިނިވަންކުރަން އޭނާ ދެކޮޅު ހަދާތީއެވެ. އަދި، އިސްރާއީލުން ޣައްޒާ ބަނޑަށް ޖައްސާއިރު ހައިހޫނުކަމުގައި ޣައްޒާގެ ރައްޔިތުންނާ އެކު އިސްރާއީލުގެ ރަހީނުން ވެސް މަރުވެދާނެކަމުގެ ބިރު އިސްރާއީލުގެ އާންމުން އިހުސާސްކުރާތީއެވެ. އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައީރު ލަބީދުވަނީ އިސްރާއީލާ ދެކޮޅަށް ޓްރަމްޕް އަޅުއްވާ ފިޔަވަޅުތަކުގެ ޒިންމާ ނަގަންޖެހޭނީ ޚުދު ނަތަންޔާހޫ ކަމަށާއި މިއީ އޭނާގެ ހަރުކަށިކަމާއި ގޮތްދޫ ނުކުރުމާއި އަދި އަމިއްލަ ސިޔާސީ އެެެޖެންޑާއާއި އަމިއްލަ ފައިދާއަށްޓަކައި ޣައްޒާގެ ހަނގުރާމަ ހުއްޓާނުލުމުގެ ނަތީޖާކަން ލަބީދު ވަނީ ފާހަގަކޮށްފައެވެ. ލަބީދުވަނީ ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައި މަރައިގެން އިސްރާއީލަށް ހަމާސް ބަލި ނުކުރެވޭނެކަމާއި މިކަމުގެ ސަބަބުން އިސްރާއީލު ދެކެ މުޅި ދުނިޔެ ނަފުރަތުކުރަން ފަށައި އިސްރާއީލު އެކަހެރިވެއްޖެ ކަމަށް ބުނެ، ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް، ލަބީދަކީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ކުރިން ތާއީދުކޮށް އެކަމަށް ހިތްވަރު ދިން މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ