ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއިން ކަންބޮޑުވުން ފާޅުކޮށްފި ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ، ފާތިމަތު މަދަދާއަށް ފުރައްސާރަ ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެކަމާ ގުޅިގެން ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަސް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގަ އާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަ ކުރަމުންދާކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރެވޭއިރު ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއެކު ކޮންޓެންޓު ގެނެސްދިނުމަށް އިލްތިމާސް ކުރަމެވެ،" ބްރޯޑްކޮމްގެ ބަޔާނުގައި ބުންޏެވެ.
ނޫސްވެރިންނަށް އަމާޒުކޮށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި މީހުން ދައްކާ ވާހަކަތައް ބްރޯޑްކާސްޓު ކުރުމުގައި ވެސް ހުރިހާ މީޑިއާއަކުން ސަމާލުވުމަށް ބްރޯޑްކޮމްއިން އިލްތިމާކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފުރައްސާރަ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ފަހަތަށް ހިނގައިދާނެ ކަމެއް ކަމަށާއި އެފަދަ އަމަލުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.
"އެހެންކަމުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރައްވާއިރު، އެންމެހައި ފަރާތްތަކުން ޒާތީ ތައައްސުބުން އެއްކިބާވެ ޒިންމާދާރު ކަމާއެކު އެ މިނިވަންކަމުގެ ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
އެ ކައުންސިލުން ބުނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް، އަދި ވަކީން ހާއްސަކޮށް ވަކި ޖިންސަކަށް ނިސްބަތްވާ ނޫސްވެރިންނަށް އަމާޒުކޮށް ފުރައްސާރަ ކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އޭގެއިތުރުން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި ފޮޓޯ އާންމު ކުރާއިރު، އެ ފަރާތްތައް އިތުރަށް ފަލީހަތް ނުވާނެ ގޮތަކަށް އެކަން ކުރުމަށާއި އެއްވުންތަކާއި މުޒާހަރާތަކުގެ ކަވަރޭޖު ގެނެސްދޭއިރު، އާންމު މިންގަނޑާ ހިލާފު ހަބަރުތަކާއި މަންޒަރު ނުގެނެސްދިނުމަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައިވެ އެވެ.
އަދި ވަކިވަކި ނޫސް އިދާރާތަކަށް މައުލޫމާތު ދިނުމުގައި ތަފާތު ކުރަމުން ދާތީ، އެކަން އެގޮތަށް ނުކުރުމަށް ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއިން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި މިވަނީ، ކުރީގެ ރައީސް ޔާމީން އިސްވެ ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާ ކުރުމާ ގުޅިގެންނެވެ.
ޔާމީނު ދިރިއުޅުއްވާ ގޭގައި ހުންނަ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި މަދަދާ އާ ގުޅުވާ ފުރަތަމަ ވާހަކަ ދެއްކީ ޕީއެންއެފްގެ އެކްޓިވިސްޓު ވަހީދެވެ.
"ސަންގު ޓީވީގެ އަންހެނުން ނޫސްވެރިޔެއް މަދާދާ ފިޔަވާ އެހެން މީހުންނަށް ފިއްލަވައިގެން މީނަ އުޅުއްވާފަ ކުއްލިއަކަށް އިނގޭތޯ،" ރައީސް މުހައްމަދު މުއިއްޒު މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅުވާ ވަހީދު ބުންޏެވެ.
އެ ހިސާބުން ޔާމީން ވަނީ މިކަހަލަ ހުރިހާ ޖަލްސާއަކަށް މަދަދާ ގެންދޭތޯ ސުވާލުކުރައްވައިފަ އެވެ. ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަދަދާ ގެންދޭތޯ ވެސް ޔާމީނު ސުވާލުކުރެއްވި އެވެ.
"މުއިއްޒު ގަބޫލުކުރާ ގޮތުގައި ނޫސްވެރިކަމުގެ ހުރިހާ ކަމެއް ކަވަރުވީ މަދަދާ އާ ދިމާވީމަ. ދާ ހުރިހާ ތަނަކަށް ދަނީ،" އެ ސުވާލަށް ޖަވާބު ދެމުން ވަހީދު ބުނެ އެވެ.
މިއާއެކު އެމަނިކުފާނުގެ ނައިބު ރައީސަކަަށް ފުރަތަމަ ހުންނެވި މުހައްމަދު ޖަމީލު ވަނީ މަދަދާގެ ހެދުން އެޅުމާ ގުޅުވާ އެއީ ދީނީ އިލްމުވެރިން ހުއްދަ ކޮށްގެން ކުރާ ކަމެއްތޯ ވެސް ވިދާޅުވެފަ އެވެ. "އެއީ ހާއްސަ ކުއްޖެއްތޯ؟" ޔާމީނު މިހެން ވިދާޅުވުމާއެކު ޖަލްސާގެ ބައިވެރިން އަޑުގަދަކޮށް ހޭ އަޑު އިވެ އެވެ.
މި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން އާންމުންނާއި ނޫސްވެރިން ދަނީ ޕީއެންއެފްގެ އިސްވެރިން ދެއްކި ވާހަކަތައް ކުށްވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ