ކްލަބް ވޯލްޑް ކަޕްގައި ރެއާލްގެ ބެންޗުން ފެންނާނީ އަލޮންސޯ ކްލަބް ވޯލްޑް ކަޕްގައި ރެއާލްގެ ބެންޗުން ފެންނާނީ އަލޮންސޯ

މެޑްރިޑް (މެއި 12) - އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ރެއާލް މެޑްރިޑްގެ ބެންޗުން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ފެންނާނީ، ބަޔާ ލެވަކޫސަން ދޫކޮށްލަން ނިންމާފައިވާ ކޯޗު ޒަބީ އަލޮންސޯ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މި މަހު 26 ވަނަ ދުވަހު ސްޕެނިޝް ލީގު ނިމުމުން، ރެއާލްގެ ކޯޗުކަމުން ވަކިވެ، އިޓަލީގެ ކާލޯ އަންޗެލޮޓީ، ބްރެޒިލް ގައުމީ ޓީމާ ހަވާލުވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.
ލެވަކޫސަންގެ ކޯޗުގެ މަގާމާ 2022 ވަނަ އަހަރުގެ އޮކްޓޫބަރުގައި ހަވާލުވެ، އަލޮންސޯ އަންނަނީ އެ ޓީމާ އެކު، ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ގޮތުން، އެ ޓީމަށް ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދައިދީ ގިނަ ރެކޯޑްތަކެއް ހެދި އެވެ.
ކުރިން ރެއާލަށް ކުޅުނު އަލޮންސޯ، ލެވަކޫސަން ދޫކޮށްލާނެކަން އިއުލާނުކޮށް، ރޭ އެ ޓީމުން ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 4-2 އިން ކާމިޔާބުކޮށް، ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ.
އަލޮންސޯ ބުނީ، މިދިޔަ ތިން ވަރަކަށް އަަހަރު ލެވަކޫސަން ކޯޗެއްގެ ގޮތުގައި އެ ޓީމުގެ ޒިންމާ ނަގައިގެން ހުރެ ގިނައިން ކުރެވުނީ އުފާވެރި މަސައްކަތްތަކެއް ކަމަށެވެ.
އަދި، ލެވަކޫސަން ދޫކޮށްލުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް ކެރިއަރަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.
"އަހަރެން މި ޓީމާ ހަވާލުވިއިރު، ހުރި ގޮތަކަށް ނޫން މި ހުރީ. އަހަރެން ބަދަލުކޮށްލީ މި ކްލަބުން. ޔަގީނުން ވެސް މި ކްލަބާ ގުޅޭގޮތުން އަހަރެންގެ ގިނަ ވާނީ އުފާވެރި ހަނދާންތައްް. އަހަރެން ލެވަކޫސަންގައި ކުރީ ވަރަށް ހާއްސަ މަސައްކަތެއް،" އަލޮންސޯ ބުންޏެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖޫން އެއް ވަނަ ދުވަހުން ފެށިގެން އަލޮންސޯ، ރެއާލާ އެކު، މަސައްކަތް ފަށާނެ އެވެ. އަދި، އަލޮންސޯ ވަނީ، ރެއާލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދައި، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އެ ޓީމާ ގުޅެން އެއްބަސްވެފައި ކަމަށް ވެސްވެ އެވެ.
ރެއާލާއި ލިވަޕޫލް އަދި ބަޔާނަށް ކުރިން ކުޅުނު އަލޮންސޯ، 2017 ވަނަ އަހަރު، ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ޔޫތު ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ.
އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ.
މިދިޔަ ސީޒަނަށް ފަހު، އަލޮންސޯ ގެންނަން ލިވަޕޫލުން ވާހަކަ ދެއްކި ނަމަވެސް، އޭނާ ލެވަކޫސަންގައި މަޑުކުރީ ރެއާލްގެ އޮފާއެއް އަންނާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅޭނީ އަންނަ މަހު 18 ވަނަ ދުވަހު، އޭޝިއާގެ ޗެމްޕިއަން، އަލް ހިލާލްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، އަންނަ މަހު 22 ވަނަ ދުވަހު މެކްސިކޯގެ ޕަޗޫކާއާ ބައްދަލުކޮށް ގްރޫޕްގެ ފަހު މެޗުގައި، ރެޑްބުލް ސަލްޒްބާގާ ކުޅޭނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ