ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ގާޒާގައި 33 މަރުވެ 94 މީހުން ޒަޚަމްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހުން މަރުވެ، 94 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނެފި އެވެ. އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަސްކަރީ ކެމްޕޭން ފެށި ފަހުން ފަލަސްތީނުން މަރުވި މީހުންގެ ޖުމްލަ އަދަދު 52،862 އަށް އަރާފައިވާއިރު، 119،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަން ސިއްހީ އޮފިޝަލުން ފާހަގަކުރެއްވި އެވެ.
ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އިޒްރޭލުން މިމަހުގެ 18 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށި ފަހުން މިހާތަނަށް 2،749 މީހުން މަރުވެ، ގާތްގަނޑަކަށް 7،600 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ. 
ސިއްހީ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި އިޒްރޭލު ސިފައިން އެމްބިއުލާންސްތަކަށާއި މަދަނީ ދިފާއީ ޓީމުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ގާޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން އާދީއްތަ ދުވަހު ވަނީ ގާތްގަނޑަކަށް ނުވަ ހަފުތާވަންދެން ގާޒާއަށް ކާބޯތަކެއްޗާއި އެހީ ވަނުން މަނާކޮށްފައިވާ އިސްރާއީލުން އަޅާފައިވާ ބްލޮކްކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އެ އެޖެންސީން ބުނީ އިންސާނިއްޔަތަށް ބޭނުންވާ ސާމާނު މަދުވުމުގެ ސަބަބުން ގާތްގަނޑަކަށް 2.1 މިލިއަން މީހުންނަށް ނުރައްކާ ވެފައިވާ ކަމަށެވެ.
އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީން ވެސް ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުރައްކާތެރި އަދި ދެމެހެއްޓެނިވި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ދީ، އިޒްރޭލުން އިންސާނީ، މެޑިކަލް އަދި ވިޔަފާރީގެ މުދަލަށް ނުވަ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ވަނުން ހުއްޓުވާފައިވާ ކަން ފާހަގަކޮށްފަ އެވެ. އެ އެޖެންސީން އިޝާރާތްކުރީ އެތައް ހާސް އެހީގެ ޓްރަކްތަކެއް ގާޒާއަށް އަށް ވަންނަން ތައްޔާރަށް ތިބި ކަމަށާއި ބިންމަތީގައި ތިބި އެގައުމުގެ ޓީމުތައް ތިބީ އެހީގެ މަސައްކަތްތައް އިތުރުކުރުމަށް ތައްޔާރަށް ކަމަށެވެ. އދ.ގެ ސެޓެލައިޓް އިމޭޖަރީ އެނަލިސިސް ޕްރޮގްރާމްގެ ރިޕޯޓަކުން ދައްކާ ގޮތުގައި ގާޒާގެ ދަނޑުބިންތަކުގެ ގާތްގަނޑަކަށް 81% އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ