މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1750 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، މިއަހަރު ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ގޮތެއް ހަމަޖައްސަވައި ދެއްވުމަށްކަން ފާހަގަކުރައްވާފައި ވެއެވެ.
ނިމިދިޔަ ރަމަޟާންމަހު ރާއްޖެއިން ޢުމްރާއަށް ވަޑައިގެންނެވި ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށްވެސް ވަނީ، 1500 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވައިފައެވެ. ބީ.އެމް.އެލުން ވަނީ މި އިރުޝާދާއި އެއްގޮތަށް، 1،005،172.82 އެެމެރިކާ ޑޮލަރު 15.42ގެ ރޭޓުން ޢުމްރާވެރިންނަށް ދޫކޮށްފައެވެ. މި ފައިސާ ޢުމްރާވެރިންނަށް ފޯރުކޮށްދިނީ، 8،979 ޓްރާންސެކްޝަން މެދުވެރިކޮަށެވެ.
ޙައްޖުވެރީންނަށް ޑޮލަރު ލިމިޓް ބޮޑުކޮށް ދެއްވަން އެދެވަޑައިގެންފިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި، ދިވެހި ރައްޔިތުންގެ ބެންކްގެ ގޮތުގައި ބީއެމްއެލުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަން ވަނީ ފަށައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ އިތުރުވެފައެވެ. އަދި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.
ޙައްޖުވެރިންނަށް ރަސްމީ ރޭޓުގައި ޑޮލަރު ހޯދަން މިއަހަރު ލުއިކޮށްދެއްވުމުގެ ގޮތުން، 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވަން ބީ.އެމް.އެލްގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ