ކުޑަގިރިއަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފި
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީގެ ދަތުރުތައް ފަށައިފިއެވެ. އެމްޓީސީސީން ބުނީ، ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް ވީހާ ވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ ކަމަށެވެ. އެމްޓީސީސީން ބުނީ ކުޑަގިރިއަށް އެމްޓީސީސީގެ ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކު ކަމަށެެވެ. އަދި މި ޚިދުމަތް ފެށިއިރު މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ހުކުރާއި ހޮނިހިރު ދުވަހު ކަމަށާއި، މުސްތަގުބަލުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭ ގޮތަށް ޚިދުމަތްތައް ފުޅާކުރުމަށް ވެސް ނިންމާފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީ ފެރީ ޝެޑިއުލް މާލެއިން ކުޑަގިރިއަށް ދަތުރުތައް އޮންނަ ގަޑިތައް: 06:30، 08:00، 09:30 ކުޑަގިރިން މާލެއަށް: 16:00، 17:30، 19:00 އެ ދަތުރުތަކަށް ކޮޅަކަށް 50 ރުފިޔާ ނަގާއިރު ދަތުރުގެ ދިގުމިނަކީ 35 މިނެޓެވެ. ކުޑަގިރި ހިންގާ އެޗްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ