ރައީސްގެ ލިސްޓުގެ ކުރީގައި ޒަމްއަތު އޮތަސް، ބްރޯޑްކޮމްއަށް އައްޔަން ކުރަން ކޮމިޓީން ހޮވީ ޒީނާ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. ބްރޯޑްކޮމް މެންބަރުކަމަށް އެ މަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ. https://sun.mv/205912 މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ އޭގެ ތެރެއިން ފަސް ބޭފުޅަކަށެވެ. އެއީ: ޒީނާ ޒާހިރު - 85 އިންސައްތަ އާއިޝަތު ޝިޔާނާ - 83 އިންސައްތަ ޝިމްލާ އަހުމަދު - 82 އިންސައްތަ މޫސާ ރިލްވާން - 81 އިންސައްތަ ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ފޮނުއްވިއިރު، ލިސްޓުގައި އެއްވަނައިގައި ހިމަނާފައި އޮތީ ޒަމްއަތުގެ ނަމެވެ. އެހެން ނަމަވެސް ކޮމިޓީން އެންމެ މަތިން މާކްސް ލިބޭ ފަސް ބޭފުޅެއްގެ ނަން ތަރުތީބުކުރިއިރު، ޒަމްއަތުގެ ނަން އޮތީ އެ ލިސްޓުގެ ފަސްވަނައިގައެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒީނާ އައްޔަނު ކުރަން ކޮމިޓީން ފާސްކުރިއިރު، ރައީސް ފޮނުއްވި ލިސްޓުގައި އޭނާގެ ނަން އޮތީ ހަތަރުވަނައަށެވެ. ޒީނާވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީއެސްއެމްގެ އެމްޑީއަކަށް ވެސް ފުރަތަމަ އައްޔަނު ކުރެއްވީ ޒީނާއެވެ. އެހެން ނަމަވެސް ޖެހިގެން އައި 2024ވަނަ އަހަރުގެ އޮގަސްޓު 24ގައި އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ޒީނާވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވައިފައެވެ. ޒީނާއަކީ 2006ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. މި ދާއިރާގައި 17 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައްވަނީ އަދައިކުރައްވައިފައެވެ. މިހާރު ޒީނާ ގެންދަވަނީ އޭނާގެ އަމިއްލަ މެގަޒިނެއްކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ