މޫނު ފޮރުވައިގެން ހުރެ މަގުމައްޗަށް ކުނި އަޅާ މީހެއްގެ ވީޑިއޯ އާންމުކޮށްފި

މޫނު ފޮރުވައިގެން ހުރެ، މާލޭގެ މަގެއް މައްޗަށް ކުނި އަޅާ މީހަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު ވީޑިއޯ އާންމުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކަންމަތި، ޝްވެކް ސިނަމާ ކުރިމައްޗަށްވާގޮތަށް ކުނި ބަހައްޓާ މީހަކު ހޯދަމުން އަންނަ ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖުމަންޓުން ފުލުހުންނާ ގުޅިގެން ކަމަށް އެ ކައުންސިލުން ބުންޏެވެ. https://x.com/MaleCitymv/status/1910237467242033174 އެ ކައުންސިލުން އާންމުކުރި ވީޑިއޯގައި ކަޅު ކުލައިގެ ތޮތްޕެއް އަޅައި، ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އައިސް، މަގުމަތީގައި ކަޅު ކޮތަޅެއްގެ ކުނި ބަހައްޓާ ތަން ފެނެއެވެ. އޭނާ ހިނގާފައި ދަނީ މޫނު ނިވާވާނެހެން ތޮފި ތިރިކޮށް، އިސްޖަހައިގެންނެވެ. އެހެންވުމާއެކު، އޭނާގެ މޫނު ވީޑިއޯއިން ސާފުކޮށެއް ނުފެނެއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، މާލެ ސާފުތާހިރު ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި، މާލޭގެ މަގުތަކަށް ކުނި އަޅާ މީހަކު ފާހަގަކުރެވޭ ނަމަ ފޮޓޯއާއި ވީޑިއޯ 9341144 އަށް ފޮނުވައި ދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. މީގެ ފަސް ދުވަސް ކުރިން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ ހަވީރީ ހިނގުމުގައި ކުނި ބަހައްޓާ މީހަކު ހޯދުމަށް ވީޑިއޯއެއް ހާމަކޮށްފައެވެ. ސިޓީ ކައުންސިލުން އަންނަނީ މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް، އެކަން ތަކުރާރުކޮށްފި ނަމަ އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށް ސީޓީ ކައުންސިލުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ