ކަންގަނާގެ ގޭގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވުމުން ނުރުހުންވެއްޖެ

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތުގެ މިލްކިއްޔާތުގައި ހުރި ގެއެއްގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިންޑިއާގެ މަޖިލިސްކުރާ ގޭގެ ތިރިގެ ލޯކް ސަބާގައި ކަންގަނާ އަކީ, ބަތަލާގެ އުފަން ރަށް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ރަމްޒުކޮށްދޭ ޕާލަމެންޓްރީ މެމްބަރެވެ. ދާދިފަހުން ހިމާޗަލް ޕްރަދޭޝްގެ މަންޑީގައި ކުރިއަށްދިޔަ ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ބަތަލާ ދިރިވެސް ނޫޅޭ ގެއެއްގެ ކަރަންޓު ބިލަށް އިންޑިއާގެ އެއްލައްކަ ރުޕީސް އެރުމުން އެކަމާ ކަންބޮޑުވެ ޝޮކެއް ލިބުނު ކަމަށެވެ. މި ސިޔާސީ އެއްވުމުގައި ކަންގަނާ ބުނެފައި ވަނީ، އެ ކަރަންޓު ބިލް ފެނުމުން އެފަދަ ބިލުތަކެއް ހިމާޗަލް ޕްރަދޭޝްގެ ރައްޔިތުންނަށް އެ ސްޓޭޓްގެ ވެރިން ފޮނުވުމަކީ ލަދުވެތި ކަމެއް ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. ކަންގަނާ ބަތަލާ ކުރިން ދިރިއުޅުނު މާނާލީގައި ހުންނަ ބަންގްލޯގައި--ފޮޓޯ/ފޭސްބުކް އެ ސްޓޭޓްގައި ދިރިއުޅޭ ރައްޔިތުންނަށް އެކަން ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ކަންގަނާ ވަނީ އެ ސްޓޭޓްގެ މިހާރުގެ ވެރިންގެ ކިބައިން ހިމާޗަލް ޕްރަދޭޝް ސަލާމަތްކޮށްދިނުމަށް ގޮވާލައިފައެވެ. ހިމާޗަލް ޕްރަދޭޝްގެ ކަރަންޓު ޚިދުމަތް ދިނުމުގެ ހާލަތާ މެދު ދެރަވާ ކަމަށާއި އެ ޚިދުމަތް ރަނގަޅުކޮށްދެވޭނީ އެކަމަށް ގާބިލު ވެރިން އިސްކޮށްގެން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. ކަންގަނާ އަކީ އިންޑިއާގެ މިހާރު ވެރިކަންކުރާ ޕާޓީ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއީދުކުރާ ފަރާތެކެވެ. ކަންގަނާ މިހާރު ދިރިއުޅެމުން އަންނަނީ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ޕަލީ ހިލްގައެވެ. ސިޔާސީ ދާއިރާގައި އުޅެމުން ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާގެ އެންމެފަހުން ރިލީކުރި ފިލްމަކީ ވެސް ސިޔާސީ ދާއިރާއާ ގުޅުންހުރި ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ