ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި ރާއްޖެ އެއް ޕޮއިންޓު ގެއްލި، ތިން ދަރަޖަ ފަހަތަށް ގޮސްފިއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި ރާއްޖެ އެއް ޕޮއިންޓު ދަށަށް ވެއްޓިފައިވާ ކަމަށެވެ. އެއީ، 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައެވެ. މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖޭގެ ސްކޯ 38 އަކަށް އެރުމުން ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 96ވަނައަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އޭގެ ކުރީ 2023 ވަނަ އަހަރު ރާއްޖެ އޮތީ 93 ވަނައިގައެވެ. ރާއްޖޭގެ ސްކޯއާއި ރޭންކުން ހާމަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންވެ، ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރުތަކުގެ އިސްވެރިންނާ ގުޅޭ މައްސަލަތައް ބެލުން ހަރުދަނާކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ކޮންމެ އަހަރަކު އާންމުކުރާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"އަކީ އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ އިންޑެކްސްއެކެވެ. މި އަހަރު ސީޕީއައިއިން އަލިއަޅުވާލާފައިވަނީ ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުގެ މައްޗަށެވެ. ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު އެކަކުން 100 އަށް ގިންތިކުރާ މި އިންޑެކްސް ދައްކުވައިދޭ ގޮތުގައި ސުމެއް އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަ ކަމަށް ގަބޫލުކުރެވޭ މިންވަރެވެ. އަދި، 100 އަކީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު ކަމަށް ގަބޫލުކުރެވޭ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ