ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ރޯދަ ހަދިޔާއަކަށް ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް 48 މަސް ދަޅުގެ ކޭހެއް ދޭނެކަން ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.
މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެސްޓީއޯ އާއި މިފްކޯ އަދި މާލޭ ސިޓީ ކައުންސިލާއި ރަށު ކައުންސިތައް ގުޅިގެންނެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާ އެވެ.
ތަފްސީލް - އެ ކުންފުނިން މިއަދު ބުނީ މަސް ކޭސްތައް ބެހުމުގެ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.
މި މަހުގެ 20 އިން 28 އަށް މާލޭގައި މަސް ކޭސް ދޫކުރާނެ
މާލޭގައި ގޭބީސީތަކަށް މަސް ކޭސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން
ކޮންމެ ގޭބީސީއަކަށް ވެސް 180 ގްރާމުގެ 48 ދަޅު ހިމެނޭ 'ޗަންކްސް އިން އޮއިލް' މަސް ކޭހެއް ދޭނެ
އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދުގައި މަސް ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މަސް ކޭސް ދޫކުރާނީ ގޭގެ ފެން މީޓަރު ނުވަތަ ކަރަންޓު މީޓަރު ނަންބަރު ބަލައި، މަސް ކޭސް ބަލައިދާ މީހާގެ އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ނޯޓު ކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ.
މާލެ ސަރަހައްދުގައި މަސް ކޭސް ބަހަން ހަމަޖެހިފައިވަނީ:
މެންދުރު 2:30 އިން ހަވީރު 6 އަށް
ރޭގަނޑު 8:30 އިން 11 އަށް
މަސް ކޭސް ދޫކުރުމަށް މާލެ ސަރަހައްދުގައި ފަސް މަރުކަޒެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
މާލޭގައި: މާލެ ސިޓީ ކައުންސިލްގެ
އާންމު ހިދުމަތްތަކާ ބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް
ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިން
ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު
ސެންޓަރު
އެސްޓީއޯ އިން ބުނިގޮތުގައި އަތޮޅު ތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުރިއަށް އެބަދެ އެވެ. ރަށްރަށުގެ ގޭބިސީތަކަށް މަސް ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ
ކައުންސިލުން ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ފަށާނީ މި މަހު 20ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ