ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދިފާޢީ ތަޞައްވުރުގައި، އަމިއްލަ ޤާބިލިއްޔަތުކަން އިތުރުކޮށް، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކުރުން ހިމެނޭ ކަމަށް ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ވިދާޅުވެއްޖެއެވެ.
އެއީރޯ ސްޕޭސް އިންޑިއާ އެގްޒިބިޝަންގެ ތެރެއިން ބޭއްވުނު ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދިފާޢީ ދާއިރާގެ ތަޞައްވުރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމިއްލަ ޤާބިލިއްޔަތުކަން އިތުރުކޮށް، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކުރުން ހިމެނޭ" ކަމަށް ވިދާޅުވި މުޢާޒް، މީގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަމާމެދު އެކުވެރި ޤައުމުތަކަށް ޔަޤީންކަން އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި މުޢާޒް ވިދާޅުވީ އިންޑިއާއަކީ އަސްކަރީ އުފެއްދުންތެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމެއްކަމަށާއި އަދި ހުރިހާ ޤައުމަކުންވެސް ދޭދޭ ގުޅުންތައް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަކީ ވިލުންތެރި، ސުލްހަވެރި މުސްތަޤުބަލެއް ހޯދުމަށް އޮތް މަގުކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ ހަމައެކަނި އަސްކަރިއްޔާގެ ތައްޔާރީ ހާލަތަށް ނޫންކަމަށް ވިދާޅުވި މުޢާޒް، މެރިޓައިމް ސެކިއުރިޓީއަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަކީވެސް ރާއްޖެއިން އިސްކަންދޭ މަސައްކަތްތަކެއްކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް ގެ ދިފާޢީ ތަޞައްވުރުގައި، އަމިއްލަ ޤަބިލީއްޔަތުކަން އިތުރުކުކޮށް، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކުރުން ހިމެނޭ: މުޢާޒް ހަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ