ސްކޫލު ބަދަލުކުރުމުގެ ފުރުޞަތު ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފި

2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމުގެ ފުރުޞަތު ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ފުރުޞަތު އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރަން ބޭނުންވާނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން، ބަދަލުވާން އެދޭ ސްކޫލަކަށް އެކަމަށް އެދޭ ފޯމު" މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށަހަޅަންޖެހޭނެއެވެ.
2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށް ފަހުގައެވެ. އެހެންކަމުން، ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މާރިޗު މަހުގެ 15 ގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިއާއެކު، މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ބާކީ އޮތް މުއްދަތަކީ ދަރިވަރުންގެ އިމްތިޙާނުތަކާއި އެސެސްމަންޓްތައް އަދި ރިޕޯޓު ފޯމު ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ދުވަސްވަރަކަށް ވުމާއެކު، މި މުއްދަތުގައި ދަރިވަރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމައި، އެކަން ސްކޫލުތަކަށް އަންގާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ